ގއ. ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އިއްޔެ، ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
ދިވެހި ފުލުހުން ޚިދުމަތުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބުމާ ގުޅިގެން، އިއްޔެ އެ ރަށުގައި ހިންގި އޮޕަރޭޝަނެއްގައި ލޯންޗެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ އެއްޗެހިތަކެއް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން ހަތަރު މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ފުލުހުން ބުނީ، އެ މީހުން ހައްޔަރުކުރީ އެ މީހުން އެ ރަށަށް އައި ލޯންޗު ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުމާއި ގުޅިގެން ކަމަށެވެ. އެގޮތުން މަސްތުވާތަކެތި ކަމަށް ބެލެވޭ 30 ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވެއެވެ. މީގެ އިތުރުން އެކެއްގެ ހަށިގަނޑު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތް ސެލޯފިންކޮޅުވެސް ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނުގައި 44.83 ގްރާމް ހުއްޓެވެ.
ފުލުހުން ވަނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ވަނަވަރާއި ފޮޓޯވެސް އާންމުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ތިން މީހަކު ހަތް ދުވަހަށް ބަންދުކުރުމަށް އަދި އަނެއް މީހާ 12 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

