ބ. ތުޅާދޫ މަސްޖިދުއްރަހްމާންގައި ގަބުރުކަށި ހުރުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދުނު ފަހުން، ދީނީ ގޮތުން ކަންކަން އޮތް ގޮތް އޮޅުން ފިލުވައިދެއްވުމަށް އިސްލާމިކް މިނިސްޓްރީން އެއްވެސް މީހަކު އެ ރަށަށް ނުފޮނުވާކަމަށް ބުނެ ތުޅާދޫ ކައުންސިލުން ދެއްކެވި ވާހަކަ، މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު) ގެ އިމާމު އައްޝައިޚް އިބްރާހީމް ރަޝީދު ހަސަން ދޮގު ކުރައްވައިފިއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ މަސްޖިދުއްރަހްމާން ނުހުޅުވި ލަސްވާ މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މަޖިލީހުގައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުން ތުޅާދޫ ކައުންސިލުން ބަޔާނެއް ނެރުއްވުމާ ގުޅިގެންނެވެ. ޑރ. ޝަހީމް ވަނީ އެ ރަށު ކައުންސިލުން އެއްވެސް އެއްބާރުލުމެއް ނުދެއްވާތީ މިނިސްޓްރީގެ ވަފުދުތަކާއި އިލްމުވެރިން ވެސް އެ ރަށަށް ޒިޔާރަތްކުރި ކަމަށާއި ނަމަވެސް ކައުންސިލުން ވަރަށް ބޮޑަށް ހުރަސްތައް ކުރިމަތިކުރުވަމުންދާ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރުގެ ވާހަކަފުޅު ދޮގުކުރައްވަމުން ކައުންސިލުން ނެރުއްވި ބަޔާނުގައި ވިދާޅުވީ، ރައްޔިތުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދުނު ފަހުން ދީނީ ގޮތުން ކަންކަން އޮތް ގޮތް އޮޅުން ފިލުވައިދެއްވުމަށް އިސްލާމިކް މިނިސްޓްރީން ދީނީ އިލްމުވެރިއެއް ނުވަތަ އެ ނޫންވެސް އެއްވެސް ފުރާނަ އެޅުއްވި މަހްލޫގެއް އެ ރަށަށް ފޮނުވިކަން ދެނެހުރި އެއްވެސް އިންސާނަކު ތުޅާދޫގައި ނުހުންނާނެ ކަމަށެވެ. މީގެކުރިން ގަބުރުކަށި ހުރިތޯ ބެއްލެވުމަށް ދީނީ އިލްމުވެރިޔަކާއެކު ދެ ބޭފުޅުން ވަޑައިގެންނެވި ކަމަށް އެ ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.
އެހެންނަމަވެސް، އިސްލާމީ މަރުކަޒުގެ އިމާމު އައްޝައިޚް އިބްރާހީމް ރަޝީދު ހަސަން ވިދާޅުވީ، ތުޅާދޫ މަސްޖިދުއްރަޙްމާނުގައި ގަބުރުކަށި ހުރިތޯ ބެލުމަށް އިސްލާމިކް މިނިސްޓްރީން ފޮނުއްވި ވަފުދުގައި، މިނިސްޓްރީގެ ދީނީ އިލްމުވެރިއެއްގެ ހައިސިއްޔަތުން އޭނާ ބައިވެރިވެފައިވާނެ ކަމަށެވެ. ޝައިޚް އިބްރާހިމް ރަޝީދު ހާމަކުރެއްވި ގޮތުގައި، އެ ދަތުރުގައި، މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މެދުގައި ދީނީގޮތުން ހިޔާލު ތަފާތުވެފައިވާ ބައެއް ކަންކަމާބެހޭގޮތުން ރައްޔިތުން ކުރެއްވި ސުވާލުތަކަށް ޖަވާބުދީ، ދީނީ ދަރުސެއް ވެސް ދެއްވާފައިވެއެވެ.
އިމާމު ވިދާޅުވީ، އެކަމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން، ދީނީގޮތުން ކަން އޮތްގޮތް ބަޔާން ކޮށްދިނުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް ދޭހަވާފަދަ އިބާރާތަކުން ކައުންސިލުން ބަޔާން ނެރުއްވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ. އަދި އެއީ ދީނީ ކަމަކަށް ވުމާއެކު، އެފަދަ ބަޔާންތައް ނެރުއްވާއިރު ރައްޔިތުންނަށް އޮޅުން ނާރާނެފަދަ ގޮތަކަށް އަމަލުކުރެއްވުމަށް ޝައިޚް އިބްރާހީމް ރަޝީދު ވަނީ އިލްތިމާސް ކުރައްވާފައެވެ.

