މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ޗައިނާއާއެކު ސޮއިކޮށްފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ވުޒާރާއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ، މާލެ އާއި ވިލިމާލޭގެ މަގުތައް އަލުން ތަރައްގީކުރުމުގެ އެއްބަސްވުމެއްގައި ޗައިނާ ސަރުކާރާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމަށް ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުކޮންގް ޝިއަންހުއާ އެވެ.
މާލޭގެ ހުރިހާ މަގުތަކެއް އަލުން ހެދުމުގެ މަސައްކަތް ކުރިއަށްދަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ އެ ގައުމާ އެކު ސޮއިކުރެއްވި އެއްބަސްވުންތަކުގެ ދަށުން ފޯރުކޮށްދޭން ނިންމި 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުންނެވެ.

