އައްޑޫސިޓީގެ ވަކިވަކި ރަށްތަކުގައި ރަށު ކައުންސިލްތައް ހެދުމާ މެދު އާންމުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ނަގާ ވޯޓުލުމުގެ ވަގުތު ހަމަވާން ބައި ގަޑިއެއްހާއިރަށް ވެފައިވާއިރު، މެންދުރު 2 ޖެހިއިރާ ހަމައަށް މި ވޯޓުގައި ބައިވެރިވެފައިވަނީ 2،662 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) މިއަދު ވިދާޅުވެއްޖެއެވެ.
އީސީން ވިދާޅުވި ގޮތުގައި، މިއަދު ހެނދުނު 8:00 ގައި ފެށި މި ވޯޓުލުން ނިމޭނީ ހަވީރު 16:00 ގައެވެ. މެންދުރުފަހު 14:00 އާ ހަމައަށް ވޯޓުލާފައިވަނީ 2،662 މީހުން ކަމަށާއި، އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 27.8 އިންސައްތަ ކަމަށް އީސީން ހާމަކުރެއްވިއެވެ. މިހާތަނަށް 6،914 މީހުން ވޯޓުލާފައި ނުވާ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
އައްޑޫސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ މެދުގައި ނެގޭ މި ވޯޓުގައި، ވޯޓުލުމުގެ ހައްގު ލިބިގެންވާ ޖުމްލަ 9،576 މީހުން ހިމެނެއެވެ. އޭގެތެރޭގައި 4،684 އަންހެން ބޭފުޅުންނާއި 4،892 ފިރިހެން ބޭފުޅުން ހިމެނެއެވެ.
މި ވޯޓަށް މާލެ، މީދޫ، ހުޅުދޫ އަދި ފޭދޫގައި ޖުމްލަ 18 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އޭގެތެރޭގައި ހުޅުދޫގައި ތިން ފޮށި، މީދޫގައި ތިން ފޮށި، ފޭދޫގައި ފަސް ފޮށި އަދި މާލޭގައި ދިރިއުޅޭ އެ ތިން ރަށުގެ މީހުންނަށް ހަތް ވޯޓު ފޮށި ހިމެނެއެވެ. މާލޭގައި ވޯޓު ފޮށިތައް ބަހައްޓާފައި ވަނީ ކަލާފާނު ސްކޫލްގައެވެ.

