ލޭ ސަރަހައްދުން ގެދޮރު ގަތުމަށް ދިމާވާ ދަތިކަން ހައްލުކޮށް، ހެޔޮ އަގުގައި ގެދޮރު ގަންނަން ލިބޭނެ މަގު ފަހިކުރުމަށްޓަކައި މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބޭންކުތައް މެދުވެރިކޮށް ހައުސިންގ ސްކީމެއް ތައާރަފުކުރަން ނިންމައިފިއެވެ. “އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް”ގެ ނަމުގައި ތައާރަފުކުރާ މި ސްކީމުގެ އުސޫލު އެމްއެމްއޭއިން މިހާރުވަނީ އާއްމުކޮށްފައެވެ.
މި ސްކީމަކީ މާލޭ ސަރަހައްދުން އަލަށް ގެދޮރު ގަންނަން ބޭނުންވާ މީހުންނަށް މާލީ ނިޒާމުގެ ތެރެއިން ފައިނޭންސް ހަމަޖައްސައިދިނުމަށް ފަރުވާކޮށްފައިވާ ސްކީމެކެވެ. ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ފާހަގަވާ އެއް ތަނަކީ މާލޭ ސަރަހައްދު ކަމަށްވާއިރު، މި ސްކީމުގެ ސަބަބުން ގިނަ ބަޔަކަށް އެކަށީގެންވާ އަގުގައި ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
އެމްއެމްއޭއިން އެކުލަވައިލި އުސޫލުގެ ދަށުން، ރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކެއްގެ ލޯން ޕޯޓްފޯލިއޯގެ 10 އިންސައްތައާއި 15 އިންސައްތައާ ދެމެދުގެ އަދަދެއް މި ސްކީމަށް ހާއްސަކުރަންޖެހޭނެއެވެ.
މި ސްކީމުގެ ދަށުން ދޫކުރާ ލޯނު އަނބުރާ ދައްކަންޖެހޭނީ 25 އަހަރުގެ ދިގު މުއްދަތަކަށް ބަހާލައިގެންނެވެ. ނަމަވެސް، ލޯނު ނަގާ ފަރާތުން ބޭނުންވާނަމަ، އެއަށްވުރެ އަވަހަށްވެސް ފައިސާ ދެއްކުމުގެ އިޚުތިޔާރު އޮންނާނެއެވެ. އެމްއެމްއޭއިން ބުނި ގޮތުގައި އެ އިދާރާގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި މި ސްކީމުގެ ދަށުން 3،500 ހައުސިންގ ޔުނިޓަށް ފައިނޭންސް ހަމަޖައްސައިދިނުމެވެ.
އެމްއެމްއޭއިން އާއްމުކުރި އުސޫލުގެ ދަށުން ދެ ބާވަތެއްގެ ލޯނު ދޫކުރެވޭނެއެވެ. އެއީ “ލީސް އެންޑިންގ ވިތު އޯނަޝިޕް” (Lease Ending with Ownership) އަދި “އެންޑް ޔޫސާ ފައިނޭންސިން އޮޕްޝަން” (End User Financing Option) އެވެ.
ފުރަތަމަ ހިޔާރަކީ، ބޭންކުތަކުން ފައިސާ ދޫކޮށްގެން ހިންގާ ހައުސިންގ މަޝްރޫއުތަކުން ހައުސިންގ ޔުނިޓުތައް ދޫކުރަން ދޭ އިހުތިޔާރެވެ. މި ސްކީމު ހިންގާ އިދާރާއިން ގެދޮރު އިމާރާތްކޮށް ނިމުމުން، އެތަންތަން ގަތުމަށް ޝަރުތު ފުރިހަމަވާ މީހުންނަށް ފައިނޭންސް ދޫކުރެވޭނެއެވެ. މި ލޯނު ދޫކުރަންޖެހެނީ އަހަރެއްގެ މައްޗަށް ލޯނުގެ ޕްރިންސިޕަލް އަދަދުގެ ފަސް އިންސައްތައިގެ ފައިދާއެއްގައެވެ. ކުލީގެ ގޮތުގައި ދައްކާ ފައިސާ ދައްކައި ތަނުގެ އަގު އަދާކޮށް ނިމުމުން އެތަން ކުއްޔަށް ނެގި ފަރާތަށް މިލްކުވާނެއެވެ. މި ލޯނު ނެގުމަށް ރަހުނެއް ނުވަތަ އިކުއިޓީއެއް ބޭނުންނުވާނެއެވެ. ނަމަވެސް، ސެކިއުރިޓީ ޑިޕޮސިޓެއް ބަހައްޓަންޖެހޭނެއެވެ.
“އެންޑް ޔޫސާ ފައިނޭންސިން އޮޕްޝަން” އަކީ އަމިއްލައަށް ޑިވެލޮޕަރުން ނުވަތަ އިންވެސްޓަރުން ފައިނޭންސްކޮށްގެން ހިންގާ ހައުސިންގ މަޝްރޫއުތަކަށް ދޭ އިހުތިޔާރެކެވެ. މި ސްކީމު ހިންގާނީ ގެދޮރު އިމާރާތްކުރާ ކުންފުނިތަކުގެ ތެރެއިން ވަކި ކުންފުނިތަކެއްގެ އަތުން ގެދޮރު ގަންނަން އެކަމަށް ޝަރުތު ހަމަވާ މީހުންނަށް ލޯނު ދޫކުރާ ގޮތަށެވެ. މި އުސޫލުން ލޯނު ދޫކޮށްދިނުމުގެ އާއްމު އުސޫލުތަކާއި އަގުތައް އަދި މުއްދަތު ކަނޑައަޅާނީ އެމްއެމްއޭއިން އަންގާ ގޮތެއްގެ މަތިންނެވެ. މި ސްކީމުގެ ދަށުން އަހަރެއްގެ މައްޗަށް ނެގޭނެ އިންޓަރެސްޓަކީ ލޯނުގެ ޕްރިންސިޕަލް އަދަދުގެ ހަ އިންސައްތައެވެ. މި ލޯނުގެ ދަށުން ގަންނަ ތަން ރަހުނުކުރަންޖެހޭނެއެވެ. އަދި ގެދޮރު ގަންނަ މީހާ އިކުއިޓީގެ ގޮތުގައި ފަސް އިންސައްތަ ބަހައްޓަންޖެހޭނެއެވެ.
މި ސްކީމުގެ ދަށުން ގެދޮރު ގަނެވޭނީ އެމްއެމްއޭއިން ހުއްދަ ދޭ ވަކި މަޝްރޫއުތަކެއްގެ ދަށުން އެކަނި ކަމަށާއި، މި ސްކީމުން ލޯނު ދޫކުރާނީ އަލަށް ފްލެޓާއި ބޯހިޔާވަހިކަން ހޯދަން ބޭނުންވާ މީހުންނަށް ކަމުގައި އެމްއެމްއޭއިން ބުނެފައިވެއެވެ. މި ސްކީމު ތައާރަފުކުރުމުގެ ކުރިންވެސް ސަރުކާރުންވަނީ ގެދޮރު އަޅަން ބޭނުންވާ މީހުންނަށް ހާއްސަކޮށް ބީއެމްއެލް އަދި އެމްއައިބީ މެދުވެރިކޮށް ފަސް އިންސައްތައަށްވުރެ ކުޑަ ފައިދާގައި އިސްލާމީ އުސޫލުތަކާ އެއްގޮތަށް ފައިނޭންސް ދޫކުރާ ލޯނު ސްކީމެއް ތައާރަފުކޮށްފައެވެ. މިހާރު ތައާރަފުކުރާ ސްކީމުގެ ސަބަބުން މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް އުންމީދުކުރެވެއެވެ.

