ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގެ ދުވާރުމަތީގައި އާންމުންނަށް ދަތިވާނެހެން ބަހައްޓާފައިވާ ގޮނޑި، މޭޒު އަދި ބިޔަވާ ޒާތުގެ ގަސްތައް ނެގުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ފަށައިފިއެވެ.
ހިތްފަސޭހަ ހުޅުމާލެ ކެމްޕެއިންގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތަކީ ދުވާރު މަތީގައި ބަހައްޓާފައި ހުންނަ ގޮނޑިތަކާއި މޭޒުތަކުގެ ސަަބަބަުން ދުވާރުން ހިނގާ މީހުންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމަކަށްވީއިރު، މި މަސައްކަތުގެ ތެރެއިން އިންދާފައިވާ ބިޔަ ގަސްތަކަުގެ ސަބަބުން، ވާރޭވެހުމުން ހުޅުމާލޭގެ މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ، މަގުތަކުގައި ފެންބޮޑުވުމާއި ތާރުގަނޑު ހަލާކުވެ ދިމާވާ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ގެނެވޭނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
މި ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޭޝަން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ޢަލީ ޒުހައިރު ވިދާޅުވީ، ހުޅުމާލެ ސާފު ރީތި، ދިރިއުޅެން ފަސޭހަތަނަކަށް ހެދުމަށް އެންމެންގެ އެއްބާރުލުން މުހިންމުކަމަށާއި މިއީ އެޗްޑީސީން އެކަނި ކުރެވޭނެ މަސައްކަތެއް ނޫންކަމަށާއި، މި މަސައްކަތުގައި ހުޅުމާލޭ ދިރިއުޅޭ ރައްޔިތުންގެ އެއްބާރުލުން މުހިންމުކަމަށެވެ.
12 ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި، އެޗްޑީސީގެ އިތުރުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި ހުޅުމާލެ ޕޮލިސް އިންވެސް ބައިވެރިވެއެވެ.
އެޗްޑީސީން އިތުރަށް ވިދާޅުވީ، މި ޕްރޮގްރާމްގައި އެކުންފުނީގެ 50 އެއްހާ މުވައްޒަފުން ބައިވެރިވާނެކަމަށާއި އަމާޒަކީ އަންނަ ޖެނުއަރީމަހުގެ ނިޔަލަށް ހުޅުމާލެ ފޭސް 1 ގައި މި ޕްރޮގްރާމް ކުރިއަށްގެންގޮސް ނިންމާލުންކަަމަށެވެ.

