ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ބަތަލާ މަރިޔަމް އައްޒައަށް، ޑައިރެކްޓަރ ފާތުމަތު ނަހުލާގެ މަޝްހޫރު ވެބް ސީރީޒް “ހުވާ”ގެ ތިން ވަނަ ސީޒަންގެ ޝޫޓިންއެއްގެ ތެރެއިން ބޮޑު އަނިޔާއެއް ވެއްޖެއެވެ.
ނަހުލާ ރޭގެ ޓިކްޓޮކް ލައިވްއެއްގައި ހާމަކުރި ގޮތުގައި މި ހާދިސާ ހިނގީ އެކްޓަރު އަހްމަދު އީސާ (އާނަންދު) އާއެކު ކުޅެމުން ދިޔަ ސީނެއްގައި އައްޒަ ކޮއްޕާލި ވަގުތު އަނގަ ވަތަށް ވެއްޓިގެން ކަމަށެވެ.
އައްޒަ އަށް ލިބިފައިވާ އަނިޔާގެ ސީރިއަސްކަން ހާމަވާ ވީޑިއޯއެއް އޭނާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އައްޒަގެ އަނގަމަތި ފަޅައިގެން ގޮސް، ވަރަށް ބޮޑަށް ވެސް ލޭ ފައިބާފައިވެއެވެ. އަދި އޭނާގެ ދަތެއް ވެސް ބިންދައިގެން ގޮސްފައިވާކަން ވީޑިއޯއިން ފާހަގަވެއެވެ.
އައްޒައަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީގެއަށް ދޫކޮށްލާފައެވެ.

