ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ބިދޭސީން ދިރިއުޅޭ ތަނަކުން ވަގަށް ނަގާފައިވާ 20،000 ޑޮލަރު ހިމެނޭހެން އެހެނިހެން ތަކެތި ފުލުހުން ހޯދައި، ވެރިފަރާތާ ހަވާލުކޮށްފި އެވެ.
ފުލުހުން ބުނީ، މި ތަކެތި ވަގަށް ނަގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ދަންވަރު 2:40 ހާއިރު ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ބިދޭސީން ދިރިއުޅޭ ތަނަކުން ކަމަށެވެ. ވަގަށް ނެގި ތަކެތީގެ ތެރޭގައި 20،000 ޑޮލަރު ލާފައިވާ ދަބަހެއްގެ އިތުރުން އެ ސައިޓުގައި ހުރި އެހެން ބައެއް ތަކެތި ހިމެނޭކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.
މި ތަކެތި ފެނުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފުލުހުން ޕެޓްރޯލު ކުރަމުން ދިޔަ ވަގުތެއްގައި ލިބުނު މައުލޫމާތާ ގުޅިގެން އެ ސަރަހައްދު ބަލައި ފާސްކުރަމުން ދަނިކޮށެވެ. ފުލުހުން އިތުރަށް ބުނީ، އެ ތަކެތި ފެނިފައިވަނީ ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށެވެ. މިހާރު ވަގަށް ނެގި މި ތަކެތި ވަނީ ވެރިފަރާތާ ހަވާލުކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއްނުވެ އެވެ. ނަމަވެސް، ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

