މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުހިންމު ޚިދުމަތެއް ކަމުގައިވާ ‘ފަޔަރ އެކްސްޓިންގުޝަރސް ރީފިލިންގ’ ސެންޓަރގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ފެށުމުގެ ރަސްމިއްޔާތު ވަނީ މިއަދު މެންދުރު އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ބިލްޑިންގުގައެވެ.
މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޑީ.ސީ.ޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާން އަދި ކުންފުނީގެ މެނޭޖްމަންޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ ބެލުމުގެ ދަށުން ހުޅުވުނު މި ސެންޓަރަކީ ބަނދަރުތަކުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ސެންޓަރުން ފޯރުކޮށްދޭ މައިގަނޑު ޚިދުމަތްތަކުގެ ތެރޭގައި އެކި ބާވަތުގެ އަލިފާން ނިވާ ފުޅި ރީފިލްކުރުމާއި، ފުޅިތަކުގެ ހައިޑްރޯސްޓެޓިކް ޕްރެޝަރ ޓެސްޓް ކުރުމާއި ލީކޭޖް އިންސްޕެކްޝަން ހެދުން ހިމެނެއެވެ. އަދި ޑްރައި ކެމިކަލް ޕައުޑަރ، ކާބަންޑައިއޮކްސައިޑް (ސީ.އޯ.ޓޫ)، ފޯމް އަދި ފެން ބޭނުންކޮށްގެން އަލިފާން ނިވާ ފުޅިތައް ރީފިލްކުރުމާއި ސަރވިސް ކުރުމުގެ ޚިދުމަތްތަށް ވެސް ލިބޭނެއެވެ.
މީގެ އިތުރުން އަލިފާން ނިވާ ފުޅިތަކަށް ކުލަ ޖެހުމާއި، ލޭބަލް ކުރުމާއި، ސޭފްޓީ ޕިން ހަރުކުރުމުގެ މަސައްކަތްތައްވެސް ސެންޓަރުން ފޯރުކޮށްދެއެވެ. ހަމައެއާއެކު މުއްދަތު ހަމަވެފައިވާ ނުވަތަ ހަލާކުވެފައިވާ ފުޅިތައް ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތަކާއެކު ނައްތާލުމުގެ މަސައްކަތް ވެސް މި ސެންޓަރުން ކުރިއަށް ގެންދާނެއެވެ.
ޚާއްސަ ޚިދުމަތެއްގެ ގޮތުން، މި ސެންޓަރުން ސެލްފް ކޮންޓެއިންޑް ބްރީދިންގ އެޕަރޭޓަސް (އެސް.ސީ.ބީ.އޭ) ގައި ބޭނުންކުރާ އެއަރ ސިލިންޑަރތައް ރީފިލްކުރުމާއި ޕްރެޝަރ ޓެސްޓް ހެދުމުގެ މަސައްކަތްވެސް ކުރާނެއެވެ. އެމްޕީއެލްއިން ބުނެފައިވާ ގޮތުގައި، މި ސެންޓަރގެ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދާނީ ބަނދަރުތަކުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށެވެ.

