ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ހިޔާ ޓަވަރު ސަހަރައްދުގައި ހާއްސަ ހަވީރެއް ބޭއްވުމަށް ފުލުހުންނާއި އެ ސަރަހައްދުގެ ރައްޔިތުން ގުޅިގެން ނިންމައިފިއެވެ. “ނަސަރުގެ ހަވީރު 2025” ގެ ނަމުގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހިޔާ ޓަވަރު ތިނެއް އަދި ހަތަރެއްގެ ކޯޑްޔާޑްގައި ހަވީރު 16:00 އިން 18:00 އަށެވެ.
ފުލުހުން ވިދާޅުވީ މި ހަވީރުގެ މައިގަނޑު މަޤްސަދަކީ ނަސްރުގެ ދުވަހުގެ ހަނދާންތައް އައުކޮށް، އެ ދުވަހުގެ ވާހަކަތައް އަޑުއަހާލައި، ޖީލުތަކަށް އެ ދުވަހުގެ ޤައުމީ ރޫހާއި ވާހަކަތައް ފޯރުކޮށްދިނުން ކަމަށެވެ. މި ހަރަކާތަކީ ހިޔާ ޓަވަރު 3 އަދި 4 ގައި ދިރިއުޅޭ ފަރާތްތަކާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ހަރަކާތެކެވެ.
ނަސްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހު ދިވެހި ހާއިނުންނާއި ބޭރުގެ ނިރުބަވެރި ޖަމާއަތެއް ގުޅިގެން ދިން ކުއްލި ހަމަލާއިން ދިވެހި ސިފައިންނަށް ނަޞްރު ލިބުނު ދުވަސް ފާހަގަކުރާ ދުވަހެވެ. އަދި ކޮންމެ އަހަރަކު ވެސް ރާއްޖޭގައި މި ދުވަސް ކުލަ ގަދަކޮށް ފާހަގަކުރަމުން އާދެއެވެ.
މި ހަވީރުގައި ބައިވެރިވުމަށް ފުލުހުން ވަނީ ދިވެހި ގައުމުގެ ދިފާއުގައި ޝަހީދުވި ފަރާތްތަކުގެ ހަނދާން އައުކުރުމަށް އެންމެންނަށް ދައުވަތު އަރުވާފައެވެ. ފުލުހުން ވިދާޅުވީ ޤައުމީ ރޫހު އާލާކޮށް، އެއްބައިވަންތަކަން ދައްކުވައިދިނުމަށް މި ފުރުސަތުގެ ބޭނުން ހިފުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ނަސްރުގެ ދުވަސް ފާހަގަކުރުމަށް މި އަހަރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. މި ހަވީރަކީ އެ ހަރަކާތްތަކުގެ ތެރެއިން ހުޅުމާލޭގައި ހާއްސަކޮށްގެން ބާއްވާ އެއް ހަރަކާތެވެ.

