މާލޭގައި އެމްޕީއެލް (މޯލްޑިވްސް ޕޯޓްސް ލިމިޓެޑް) ބަނދަރު ސަރަހައްދާ ކައިރިން ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައިގެން ހިނގި ހާދިސާއެއްގައި 3 މީހަކަށް އަނިޔާވެއްޖެއެވެ. މި ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފާއި ފުލުހުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.
އެމްއެންޑީއެފުން ދެންމެ ބުނި ގޮތުގައި، މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުންނެވެ. ފުލުހުން ބުނީ މާލެ އެމްޕީއެލްއާ ދިމާ ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުންޖަހާލާފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 15:44 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގައި އަނިޔާވި 3 މީހަކަށް ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. “މި ހާދިސާގައި 3 މީހަކަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން” ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގައި ފުލުހުންނާއި އެމްއެންޑީއެފްގެ ޓީމުތައް ދަނީ ހަރަކާތްތެރިވަމުންނެވެ. ސަލާމަތީ ބާރުތަކުން ދަނީ ބަންޑުން ޖަހާލި އުޅަނދު ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނާއި، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންނެވެ. ފުލުހުން ވަނީ އިތުރު މައުލޫމާތު ލިބުމުން އާންމުންނާ ހިއްސާ ކުރާނެ ކަމަށް ބުނެފައެވެ.

