ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފުވައްމުލަކު ސިޓީގައި ދެމުން ގެންދާ ބޭންކިން ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން، އެ ސިޓީގައި ޑޮލަރު ނެގޭ އޭޓީއެމެއް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި އޭޓީއެމް ހުޅުވައިދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
ފުވައްމުލަކުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު ވަނީ އެ އޭޓީއެމްއިން ޑޮލަރު ނަންގަވައި، އޭޓީއެމްގެ ހިދުމަތް ފުވައްމުލަކުގައި ފައްޓަވައިދެއްވުމުގެ ގޮތުން ސިޓީ ކައުންސިލަށް ހަނދާނީ ފިލައެއް ވެސް އަރުވާފައެވެ. މި އޭޓީއެމްގެ ސަބަބުން ފުވައްމުލަކަށް ދަތުރުކުރާ ފަތުރުވެރިންނަށާއި، ލޯކަލް ޓޫރިޒަމްގެ ވިޔަފާރިތަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ބީއެމްއެލްއިން ވަނީ މީގެ ކުރިންވެސް އައްޑޫ ސިޓީ، މާލެ، ހުޅުމާލެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ކުޅުދުއްފުށި ސިޓީ، ކ. މާފުށި އަދި އއ. ތޮއްޑޫގައި ވެސް ޑޮލަރު އޭޓީއެމްތައް ގާއިމުކޮށްފައެވެ. ފުވައްމުލަކުގައި މި ހިދުމަތް ފެށުމާއެކު، މި ސަރަހައްދުގެ ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެންކުން އުއްމީދުކުރެއެވެ.
މި އޭޓީއެމް ގާއިމްކުރުމުގެ މަޝްރޫއަކީ ބީއެމްއެލް އާއި ސަރުކާރު ގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ގާއިމްކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ މުހިންމު ބައެކެވެ. ބީއެމްއެލްގެ އަމާޒަކީ މި އަހަރު ނިމެންވާއިރަށް ބާކީ އޭޓީއެމް ނެތް ރަށް ރަށުގައި އޭޓީއެމް ބަހައްޓައި، މުޅި ރާއްޖޭގައި ބޭންކުގެ 250 އަށްވުރެ ގިނަ އޭޓީއެމް ގާއިމްކުރުމެވެ.
ބީއެމްއެލްއިން ވިދާޅުވާ ގޮތުގައި، މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 41 ބްރާންޗާއި، 144 ސެލްފްސާވިސް ބޭންކިން ސެންޓަރާއި، 202 އޭޓީއެމްއާއި، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ދެމުން ގެންދެއެވެ. މި ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތަކީ ރާއްޖޭގެ އިގްތިސާދަށް ބޭންކުން ވެދޭ އެހީތެރިކަމެކެވެ.

