އައްޑޫ ސިޓީގެ ހުޅުދޫ އާއި މީދޫގައި ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ. މި ޚިދުމަތް ތައާރަފްކުރެވުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ދެރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
ހުޅުދޫ – މީދޫގެ ޕާސްޕޯޓާއި އައިޑީ ކާޑުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފު އުމަރެވެ. މި ޚިދުމަތް ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ލިބިގެން ދިއުމަކީ، ޚިދުމަތްތައް ލާމަރުކަޒީކޮށް ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ. މީގެ ސަބަބުން ދެކުނުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.
ރާއްޖޭގެ ހުރިހާ ހިސާބެއްގައި އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ހޯދޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން އަތޮޅުތެރޭގައި މި ޚިދުމަތް ފެށުމުގެ މަސައްކަތް ކުރިއަށްދާއިރު، އެންމެ ފުރަތަމަ މި ޚިދުމަތް ފަށާފައިވަނީ ގއ. ވިލިނގިލީގައެވެ.
އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު އެއްކޮށް ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ނިޔަލަށެވެ. މި މަޝްރޫއުގެ ދަށުން މި އަހަރުގެ ތެރޭގައި އިތުރު 6 ތަނެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ފެށިގެން ދާނެއެވެ. މި އަހަރު ޕާސްޕޯޓުގެ ޚިދުމަތް ހުޅުމާލެ ފޭސް އެކެއް އަދި ދޭއްގެ އިތުރުން ދ. ކުޑަހުވަދޫ އާއި ލ. ފޮނަދޫގައި ދެމުންގެންދާނެއެވެ. އަދި އައިޑީކާޑުގެ ޚިދުމަތް ހުޅުމާލެ ފޭސް އެކެއް، ދޭއް އަދި ވިލިމާލޭގެ އިތުރުން ކުޅުދުއްފުށީގައި ދެމުންގެންދާނެއެވެ.
މީގެ ކުރިން ރާއްޖޭގައި އައިޑީކާޑު ހެދުމަށް އެންމެ ކުރިން ޖެހޭނީ މާލެ އައިސް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ކާޑު ހައްދާށެވެ. ކާޑު ނަގަން ވެސް ޖެހެނީ މާލޭގައި ހުންނަ އެ އިދާރާއިންނެވެ. ނަމަވެސް 2022 ވަނަ އަހަރު ތައާރަފްކުރި ޕޯޓަލް މެދުވެރިކޮށް އައިޑީކާޑު ހެދުމަށް އޮންލައިންކޮށް އެދުމުން، އެރަށެއްގެ ކައުންސިލް މެދުވެރިކޮށް ރަށުގައި ތިބެގެން ވެސް ކާޑު އަތަށް ލިބޭނެ އިންތިޒާމު ހަމަޖެހުނެވެ. އެހެންނަމަވެސް އޭރު ވެސް ޖެހެނީ އައިޑީކާޑު ޕްރިންޓުކޮށް ޕޯސްޓު މެދުވެރިކޮށް ނުވަތަ އެނޫން ވެސް ގޮތަކުން އެރަށެއްގެ ކައުންސިލަށް ފޮނުވާށެވެ. މިހާރު ފެށުނު ޚިދުމަތާއެކު، ރައްޔިތުންނަށް އިތުރަށް ފަސޭހަވެ، މާލެއަށް ދަތުރުކުރުމުގެ ބުރަ ކުޑަވެގެންދާނެއެވެ.

