އައްޑޫ ސިޓީގެ ގުޅިފައިވާ ތިން ރަށެއްގައި 200 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ މަސައްކަތް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި މަސައްކަތް އެޗްޑީސީއާ ހަވާލުކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިން، ގުޅިފައިވާ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްޞަ ޖަލްސާއެއްގައެވެ.
އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ފަށާ މި މަޝްރޫޢުގެ ދަށުން، އައްޑޫ ސިޓީ ފޭދޫގައި 50 ހައުސިންގ ޔުނިޓް، މަރަދޫގައި 50 ހައުސިންގ ޔުނިޓް އަދި ހިތަދޫގައި 100 ހައުސިންގ ޔުނިޓް ތަރައްޤީކުރެވޭނެއެވެ. ޖުމްލަ 200 ހައުސިންގ ޔުނިޓް ހިމެނޭ މި މަޝްރޫޢަކީ އައްޑޫ ސިޓީގެ ތަރައްޤީއަށް ސަރުކާރުން ދެއްވާ އިސްކަން ރަމްޒުކޮށްދޭ މަސައްކަތެކެވެ.
މިރަށްރަށުގައި ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެޗްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރެވެ. މި އެއްބަސްވުމާއެކު، އައްޑޫ ސިޓީގެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

