އައްޑޫ ސިޓީ ފޭދޫ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމަށް، ކޮންސްޓްރަކްޝަން، އިންފްރާސްޓްރަކްޗާ މިނިސްޓްރީއާއި އެ ކުންފުނި ދެމެދު މިރޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އައްޑޫ ހައި ސްކޫލްގައި ބޭއްވި ޖަލްސާގައެވެ. ރައީސް މުއިއްޒުގެ އައްޑޫ ދަތުރުފުޅަކީ ރާއްޖޭގެ އެކި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންނާ ގުޅުން ބަދަހިކުރެއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.
އެއްބަސްވުމުގައި ކޮންސްޓްރަކްޝަން، އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީނު މުހައްމަދެވެ.
މި އެއްބަސްވުމުގެ ދަށުން ފޭދޫ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމެއް ގާއިމް ކުރުމުގެ ބޮޑެތި މަސައްކަތްތަކެއް ކުރިޔަށްދާނެއެވެ. އެގޮތުން ނަރުދަމާ މައިނެޓްވޯކް އާއި ޕަމްޕިން ލައިން އެޅުމުގެ އިތުރުން، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތްކޮށް، ޕަމްޕިން ސްޓޭޝަން ގާއިމްކުރެވޭނެއެވެ. އަދި ސީ އައުޓްފޯލް އެޅުމުގެ މަސައްކަތް ކުރިޔަށްދާނެއެވެ. މީގެ އިތުރުން ގޭގެގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ގުޅާލެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
މިއީ ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ ބޮޑު މަޝްރޫއެއްގެ ދަށުން ކުރިޔަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫއަކީ ކުރިން ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ ސަބަބުން ފޭދޫ ހިއްކި ސަރަހައްދުގެ ރައްޔިތުންނަށް ދިރިއުޅުމުގެ އަސާސީ ހިދުމަތްތައް ފަސޭހައިން ލިބި، ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެއެވެ.

