އައްޑޫ ސިޓީގެ ގިނަ ރަށްތަކެއް ޒަމާނީ އަދި ފެންވަރު ރަނގަޅު މަގަކުން ގުޅުވާލުމަށްޓަކައި ލިންކް ރޯޑް އަލުން ހެދުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫއަކީ އައްޑޫ ސިޓީގެ ތަރައްޤީއަށް މުހިންމު ބޮޑު މަޝްރޫއެކެވެ.
މި ބޮޑު މަޝްރޫއުގެ އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫ ދަތުރުފުޅުގައި ރޭ ހިތަދޫގައެވެ. މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ.
މި މަޝްރޫއު ހަވާލުކޮށްފައިވަނީ ދިވެހިރާއްޖޭގެ މަގުތައް ތަރައްޤީކުރުމަށް އުފައްދާފައިވާ ދައުލަތުގެ ކުންފުނި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާއެވެ. މަޝްރޫއު ފެއްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމާއި، އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ދާއިރާތަކުގެ މަޖިލިސް މެމްބަރުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އައްޑޫ ލިންކް ރޯޑާއި އެ މަގާ ގުޅިފައިވާ މަގުތަކާއި ފެން ހިންދާ ނިޒާމު ޑިޒައިން އެންޑް ބިލްޑް އުސޫލުން ގާއިމްކުރުމުގެ މި މަޝްރޫއުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ މިދިޔަ އެޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރިން ހާމަކުރެއްވި ގޮތުގައި، ދައުލަތުގެ ބަޖެޓުން 829.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއު ތިން އަހަރާއި ހަ މަސްދުވަހުން ނިންމަން ޖެހެއެވެ.
ސަރުކާރުން ވަނީ ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގައި، ފުރަތަމަ އިސްކަންދޭނީ ރަށުގެ އިސް މުއައްސަސާތައް ހުންނަ މަގުތަކާއި، ބޮޑަށް ހަލާކުވެފައި ހުންނަ މަގުތައް ތަރައްގީ ކުރުމަށްކަމަށް ހާމަކޮށްފައެވެ.

