ޝައި ޕްރޮޑަކްޝަން އާއި ސެޓާން ސްޓޫޑިއޯ ގުޅިގެން އުފައްދާފައިވާ ކޮމެޑީ ފިލްމް “ކޮސް ގިނަ މިސްޓޭކް” (ކޭޖީއެމް) ކުލަގަދަ ހަފްލާއެއްގައި ޕްރިމިއަރ ކޮށްފިއެވެ. މަޝްހޫރު ޑައިރެކްޓަރ އަލީ ސީޒަންގެ އިރުޝާދުގެ ދަށުން، އިސްމާއިލް ޝަފީގުގެ ޕްރޮޑިއުސްކުރުމުގެ ތެރެއިން އުފެދިފައިވާ މި ފިލްމަކީ، މިއަހަރު އޮލިމްޕަސް ސިނަމާގައި ބެލުންތެރިންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭނެ ކަމަށް އުންމީދުކުރެވޭ ފިލްމެކެވެ.
ދިވެހި ފިލްމީ ދުނިޔޭގައި ކޮމެޑީ ޖޯންރާގެ ފިލްމްތައް އުފެއްދުމުގައި އެންމެ ކާމިޔާބު ޕްރޮޑަކްޝަން ހައުސްގެ ގޮތުގައި ފާހަގަކުރެވޭ ޝައި ޕްރޮޑަކްޝަންގެ “ނޯޓީފޯޓީ” އާއި “ފޯޓީ ޕްލަސް” ފަދަ ހިޓް ފިލްމްތަކަށްފަހު، މި ފިލްމަށް ބެލުންތެރިންގެ އެދުން ވަރަށް ބޮޑެވެ. ޝައި ޕްރޮޑަކްޝަންގެ ވެރިޔާ އިސްމާއިލް ޝަފީގު ވަނީ މީގެ ކުރިން ބުނެފައިވާ ގޮތުގައި، “ކޮސް ގިނަ މިސްޓޭކް” ވެގެންދާނީ ބެލުންތެރިން ކޮސްކޮށްލާ ހެއްވާލާނެ ފިލްމަކަށެވެ. މިއީ ލޯބީގެ ހިތްދަތިކަމާއި އިޖްތިމާޢީ ފިލްމްތަކަށްފަހު، ބެލުންތެރިން ހެއްވާލާނެ މަޖާ ފިލްމެކެވެ.
ފިލްމް ޕްރިމިއަރ ކުރި ރޭ ފިލްމުގައި މުހިންމު ރޯލެއް އަދާކުރާ އަދި ޑައިރެކްޓަރ އަލީ ސީޒަން ބުނީ، މި ފިލްމާ މެދު ވަރަށް އުންމީދު ކުރާ ކަމަށެވެ. ސީޒަން ބުނި ގޮތުގައި، ގިނަ ދުވަސްތަކަކަށްފަހު ބޮޑު ކާސްޓަކާއެކު މިފަދަ ކޮމެޑީ ފިލްމެއް އައުމަކީ އުފާވެރިކަމެކެވެ.
ޔޫސުފް ޝަފީޢު (ޔޫއްޕެ)ގެ ވާހަކައަކަށް އުފައްދާފައިވާ މި ފިލްމްގެ ޝޫޓިން މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިއަހަރު ކުރީކޮޅު މ. މުލަކުގައެވެ. މި ފިލްމްގެ ކޯ-ޕްރޮޑިއުސަރ ސެޓާން ސްޓޫޑިއޯއަކީ މިހާރު ރާއްޖޭގައި އެންމެ މަގުބޫލު ޕްރޮޑަކްޝަން ހައުސްއެވެ. މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމް “ކަމަނާ” އާއި، މި އަހަރުގެ މިހާތަނަށް އެޅުވުނު އެންމެ ކާމިޔާބު ފިލްމް “ކަނބުލޮ” ފަދަ ފިލްމްތައް އުފައްދައި، ބެލުންތެރިންގެ އިތުބާރު ހޯދާފައިވާ ސްޓޫޑިއޯއެކެވެ. މި ދެ ސްޓޫޑިއޯ ގުޅިގެން މީގެ ކުރިން ވެސް ކާމިޔާބު ފިލްމްތަކެއް ވަނީ ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައެވެ.

