ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ތިނަދޫ ސިޓީގައި ބާއްވަން ހަމަޖެހިފައިވާ ފޮޓޯ މައުރަޒު މިއަދު ހަވީރު އޮންނާނެއެވެ. މި މައުރަޒަކީ ރާއްޖޭގެ ދިފާޢުގައި ޝަހީދުވި ދިވެހި ސިފައިންނާއި ރައްޔިތުންގެ ހަނދާން އާކުރުމަށް ބާއްވާ ހަރަކާތެކެވެ.
ނަޞްރުގެ ދުވަހާ ގުޅިގެން، ތިނަދޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތަފްސީލުތައް އެމްއެންޑީއެފް އިން ވަނީ އާންމުކޮށްފައެވެ. އެގޮތުން މިއަދު (7 ނޮވެންބަރު 2025، ހުކުރު ދުވަސް) ހަވީރު 4:00 ގައި ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ސިފައިންގެ ފޮޓޯ މަޢުރަޒު ހުޅުވާ، އާންމުންނަށް ބެލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މާދަމާ، 8 ނޮވެންބަރު 2025 (ހޮނިހިރު ދުވަސް) ހެނދުނު 9:00 ގައި ވެސް މި މައުރަޒު ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ދެމިގެންދާނެއެވެ.
މީގެ އިތުރުން، މާދަމާ (ހޮނިހިރު ދުވަހު) ހަވީރު 4:00 ގައި ތިނަދޫ ސިޓީ ސްޓޭޑިއަމްގައި އަސްކަރީ ހުށަހެޅުންތަކާއި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަވީރުގައި ކުޑަކުދިންނަށް ޚާއްސަ ގިނަ ހަރަކާތްތަކެއް ހިމެނޭނެއެވެ.
ނަސްރުގެ ދުވަހުގެ ހަރަކާތްތައް ފެށުނީ 2025 ނޮވެންބަރު 3 (ހޯމަ ދުވަހު) ގައި އިސްލާމީ މަރުކަޒުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ބައިވެރިވެވަޑައިގެންނެވި ފަތިސްނަމާދުގެ ޖަމާޢަތާއެކުގައެވެ. އޭގެ ފަހުގައި ކުރިއަށް ގެންދިޔަ ރަސްމީ ހަރަކާތްތަކުގެ ތެރޭގައި ހެނދުނު 6:00 ގައި 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ހިމެނެއެވެ. މީގެ އިތުރުން ހެނދުނު 9:00 ގައި ޒުވާނުންގެ މަރުކަޒު (ސޯޝަލް ސެންޓަރ) ގައި އޮތް ރަސްމީ ޖަލްސާވެސް ވަނީ ބާއްވާފައެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރު (އެމް.އެން.ޑީ.އެފް) އިން އިންތިޒާމުކޮށްގެން ހަވީރު 4:15 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހަރަކާތެއްގައި، ނިރުބަވެރި ހަމަލާއެއް ނާކާމިޔާބުކޮށްލުމަށް ސިފައިން ކުރާ މަސައްކަތްތައް ހެވިކަމުގެ ހުނަރުތަކުން ދެއްކުންވެސް އޮތެވެ.

