ރިސޯޓުތަކުގައި ބޭނުންކޮށް އުކައިލާ ތެޔޮ، ގަވައިދާ ޚިލާފަށް ވިއްކަމުންދާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ބަންގްލަދޭޝް ފަސް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ އިއްޔެރޭ ދަންވަރު ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލުހުންގެ މައުލޫމާތުތަކަށް ބަލާއިރު، މި އޮޕަރޭޝަން ހިންގާފައިވަނީ އެމްޕީއެލް ކޮންޓެއިނަރ ޖެޓީ ސަރަހައްދުގައި އޮތް ޑިންގީއަކުން ތެޔޮ ހަންތަކެއް ބާލައި ޕިކަޕަކަށް އަރުވަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. ހުޅުމާލެއިން ހައްޔަރުކޮށްފައިވާ ފަސް މީހުންނަކީ ވެސް ބަންގްލަދޭޝް ރައްޔިތުންނެވެ.
މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކުރުމަށް ފަހު، އެ ތަކެތި ބަހައްޓާފައިވާ ދޯންޏަކާއި ޑިންގީއަކާއި ޕިކަޕެއް ވަނީ ބަލައިފާސްކޮށްފައެވެ. މި ބެލުންތަކުގެ ތެރެއިން ރިސޯޓުތަކުގައި ބޭނުންކޮށްފައިހުރި 46 ހަން ތެޔޮ ފެނިފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރުތުކުރުމަށް ފަހު އެކަކު ދޫކޮށްލާފައިވެއެވެ. އަދި ދެން ތިބި ހަތަރު މީހުން ކަމަށްވާ، އަލް އަމީން ބޮޔަޓި (37އ) އާއި، ދުލާލް މިއާހް (32އ) އާއި، މޮހަންމަދު ރަސެލް މިއާހް (34އ) އާއި، މަންވަރު ހޮސައިން (45އ) ވަނީ 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

