ހުޅުމާލޭގެ ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ ގައުމީ މަޝްރޫޢުގެ %75 މަސައްކަތް ނިމިފައިވާކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކުރައްވައިފިއެވެ. މި މަޝްރޫޢުގެ ދަށުން 4 ޓަވަރެއްގައި ހަރުކުރި އައު ލިފްޓުތައް މިހާރު ވަނީ އާންމުންނަށް ބޭނުންކުރެވޭނެހެން ހުޅުވާލާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެއްގެ ގޮތުގައި ކުރިއަށްގެންދާ މި މަސައްކަތަކީ، ހިޔާ ފްލެޓްތަކުގެ ގިނަ އާބާދީއަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ފަށާފައިވާ މަޝްރޫޢެކެވެ.
އެޗްޑީސީން ވިދާޅުވީ، ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މުޅި މަޝްރޫޢުގެ %75 މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާކަމަށެވެ. އަދި އާންމުންނަށް ޚިދުމަތް ދިނުމަށް ދެން އެންމެ އަވަހަށް ހުޅުވާލާނީ ޓަވަރު 5 އަދި 6 ގައި ހަރުކުރެވުނު ލިފްޓުތައް ކަމަށްވެސް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.
މީގެ އިތުރުން އެޗްޑީސީން ފާހަގަކުރެއްވީ، ހިޔާ ޓަވަރުތަކުގައި ލިފްޓް ހަރުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ހުރިހާ ޓަވަރެއްގެވެސް މައިގަނޑު މަސައްކަތްތައް ނިމިފައިވާކަމަށެވެ. އެގޮތުން ހުރިހާ ޓަވަރެއްގައިހެން %50 އިންސައްތައަށްވުރެ ބޮޑުބައެއް މިހާރު ނިމިފައިވާކަން އެ ކޯޕަރޭޝަނުން ފާހަގަކުރައްވައެވެ.
ހިޔާ ޓަވަރުތަކުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު އެޗްޑީސީން ހާމަކުރައްވާފައިވަނީ ތިރީގައިވާ ގޮތަށެވެ.
- ޓަވަރު 1، 2، 3، 4: %100 ނިމިފައި
- ޓަވަރު 5: %93 ނިމިފައި
- ޓަވަރު 6: %92 ނިމިފައި
- ޓަވަރު 7، 8: %75 ނިމިފައި
- ޓަވަރު 9: %73 ނިމިފައި
- ޓަވަރު 10: %69 ނިމިފައި
- ޓަވަރު 11: %68 ނިމިފައި
- ޓަވަރު 12: %65 ނިމިފައި
- ޓަވަރު 13: %52 ނިމިފައި
- ޓަވަރު 14: %51 ނިމިފައި
- ޓަވަރު 15، 16: %50 ނިމިފައި
ހިޔާގެ ކޮންމެ ޓަވަރަކަށް 2 ލިފްޓް އިތުރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހިޔާގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދެކެވެ. މިވަގުތު ހިޔާގެ ފްލެޓްތަކުގައި ހުންނަނީ 3 ނުވަތަ 4 ލިފްޓެވެ. ހިޔާ މަޝްރޫޢުގެ 16 ޓަވަރުގައި ޖުމްލަ 32 ލިފްޓް އިތުރަށް ހަރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އަލަށް ބަހައްޓާ ލިފްޓްތަކަކީ ބަލި މީހުން އުފުލޭނެ އިންތިޒާމާއެކު، ސްޓްރެޗަރ އެރުވޭގޮތަށް ހުންނަ ލިފްޓުތަކެކެވެ. މީގެ އިތުރުން ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް ފަސޭހައިން އެނގޭނެހެން މިލިފްޓުތަކުގައި ފްލޯ ނަމްބަރު ބްރެއިލްއިންވެސް ހުންނާނެއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގްރޫޕާއި ހަވާލުކޮށްގެންނެވެ.
ހިޔާ މަޝްރޫޢުގައި ޖުމްލަ 6720 ހައުސިން ޔުނިޓް ހިމެނެއެވެ. ހިޔާގެ ކޮންމެ ޓަވަރެއްގައި 400 އެއްހާ އެޕަރޓުމަންޓު ހިމެނޭއިރު، ކޮންމެ ޓަވަރެއްގެ އާބާދީ 2000އާއި ގާތްކުރެއެވެ. މި އާބާދީއަށް ބޭނުންވާ ލިފްޓްގެ ޚިދުމަތް އިތުރުވުމަކީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ދަތުރުފަތުރުގެ ފަސޭހަތައް އިތުރުވެގެންދާނެ ކަމެކެވެ.

