ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ) ޕާޓީގެ ފަރާތުން މިމަހުގެ 14 ވަނަ ދުވަހު “ދިވެހީންގެ ރާއްޖެ” ނަމުގައި އާޓިފިޝަލް ބީޗުގައި ބާއްވާ ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވާނެ ކަމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙު ވިދާޅުވެއްޖެއެވެ. މި ޖަލްސާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ރައްޔިތުންގެ ޝުކުރު އަދާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
ފަލާޙު މިކަން ހާމަކުރެއްވީ، ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން މާލޭ ސަރަހައްދުގައި ހާއްސަ ހަރަކާތްތައް ފެށުމަށް ޕީއެންސީގެ ހަރުގޭގައި މިއަދު ހެނދުނު ބޭއްވި އިވެންޓަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާއި، ބޮޑު އެއްވުމެއް ނުބޭއްވުނު ނަމަވެސް އެމަނިކުފާނުގެ މަސައްކަތްތައް ފާހަގަކުރެވޭ ކަމަށެވެ.
މެންބަރު ފަލާޙުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި ރައީސް މުޢިއްޒު ވަނީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، ރައްޔިތުންނާ ބައްދަލުކުރައްވައި، މުޅި ރާއްޖޭގައި ތަރައްޤީގެ އެތައް މަސައްކަތެއް ފައްޓަވާފައި ކަމަށެވެ. އެހެންކަމުން، ޕީއެންސީގެ ސަޕޯޓަރުން ބޭނުންވަނީ އެއްތަނަކުން އެއްވެ، ރައީސަށް ހާއްސަ ޝުކުރެއް އަދާކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.
“އަޅުގަނޑުމެން ރައްޔިތުން އެބަ ބޭނުންވޭ އެއްތަނަކުން އެއްވެ ރައީސަށް ހާއްސަ ޝުކުރެއް ދަންނަވައިލަން،” ފަލާޙު ވިދާޅުވިއެވެ.
މިއަދު ފެށުނު ހަރަކާތަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ޖަލްސާއަށް ދައުވަތު އެރުވުމުގެ ގޮތުން ކާޑު ބެހުމުގެ މަސައްކަތް ކަމަށް ފަލާޙު ވިދާޅުވިއެވެ. މީގެ އިތުރުން، ޕީއެންސީގެ ލީޑާޝިޕުގެ ބައެއް ބޭފުޅުން މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުކުރައްވައި، އެ ރަށްރަށުގެ ރައްޔިތުންނަށް ވެސް ޖަލްސާއަށް ވަޑައިގަތުމަށް ދައުވަތު އަރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޕީއެންސީގެ އެދުމަކީ 14 ވަނަ ދުވަހުގެ ޖަލްސާގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެވަޑައިގަތުމެވެ.

