ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ)އިން މި މަހުގެ 14 ވަނަ ދުވަހު މާލޭގެ އާޓިފިޝަލް ބީޗުގައި ބާއްވާ ބޮޑު ޖަލްސާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒާއެކު ދިވެހި ރައްޔިތުން ތިބިކަން ސާބިތުކޮށްދިނުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން އެއްވާނެ ޖަލްސާއެއް ކަމަށް މަޖިލީހުގެ ރައީސް އަދި ކޮންގުރެސް ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
14 ވަނަ ދުވަހުގެ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން މިއަދު މާލޭ ސަރަހައްދާއި މާއްޔިތުންގެ ލެ ކައިރި ރަށްރަށުގައި ހިންގާ ބޮޑު ހަރަކާތް ފެށުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވަައި އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުން މި ޖަލްސާއަށް އަންނަނީ ރައީސުލްޖުމްހޫރިއްޔާ މިހާތަނަށް ކޮށްދެއްވި ހިދުމަތްތައް ގަބޫލުކޮށް އެކަންކަން ބަލައިގަންނާތީ ކަމަށެވެ. އެހެންކަމުން، މި ޖަލްސާއަކީ ރައީސް މުއިއްޒުއަށް ރައްޔިތުންގެ ފަރާތުން އޮތް ފުރިހަމަ ތާއީދު ދައްކުވައިދޭނެ އެއްވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، މި ޖަލްސާގެ ތެރެއިންވެސް އުންމީދު އައުވާނެ އިތުރު އެތައް ކަމެއް އިއުލާނުކުރެވިގެންދާނެ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ މި ޖަލްސާގައި ދައްކަވާ ވާހަކަފުޅުގެ ތެރެއިން ރައްޔިތުންނަށް އުންމީދު ލިބިގެންދާނެ އެތައް ކަމެއް އިއުލާނުކުރެވިގެންދާނެއެވެ. މިއީ ރައްޔިތުންގެ ކުރިމަގަށް އޮތް އުންމީދު އިތުރަށް ބޮޑުވެގެންދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގެ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަައި އަބްދުއްރަހީމް ފާހަގަކުރެއްވީ، ރައީސް ރާއްޖޭގެ ހުރިހާ ރަށަކަށް ކުރެއްވި ދަތުުރުފުޅުތައް ނިމުނު ހަފުތާ ތެރޭގައި ނިންމަވައިލެއްވިއިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ތަރައްގީގެ ގިނަ އަދަދެއްގެ މަޝްރޫއުތައް ފެށިފައިވާ ކަމެވެ. އަދި ފާއިތުވި ބުރާސްފަތި ދުވަހަކީ އެއް ފަހަރާ އެންމެ ގިނަ މަޝްރޫއު ދިވެހި އަމިއްލަ ކުންފުނިތަކާ ހަވާލުކުރެވުނު ދުވަސްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މި ތާއީދުގެ ބޮޑުކަން ސިފަކޮށްދެއްވަައި އަބްދުއްރަހީމް ވިދާޅުވިއެވެ. “ރައްޔިތުން އެ އަންނަނީ އެއްޗެއް ނޭނގިގެން އޮޅުންފިލުވާކަށް ނޫން. ރައްޔިތުން އެ އަންނަނީ އެމީހުންނަށް މިވާނުވާ އެނގޭތީ، ކަން ހިނގާ މަގު އެނގޭތީ، މިވެރިކަން ދާ މިސްރާބު ރަނގަޅުކަމަށް ގަބޫލުކުރެވޭތީ، އާ ރޫހަކާއެކު އާ ދިރުމަކާއެކު އާ މުސްތަގުބަލަކަށް އުންމީދުކޮށްގެން އަންނަނީ. ޔަގީންކަން އެބައޮތް ޕީއެންސީ ސަރުކާރެއްގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒާއެކު އެބޭފުޅުން ބޭނުންވާ ތަރައްގީގެ މަންޒިލަށް ވާސިލުވެވޭނެކަން،”
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، 14 ވަނަ ދުވަހު އާޓިފިޝަލް ބީޗަށް ދިވެހި ރައްޔިތުން ޖަމާވަނީ ވާދަވެރި ފިކުރުގެ މީހުން ދައްކާ ވާހަކަތައް ރައްޔިތުން ގަބޫލުނުކުރާތީ ކަމަށެވެ. އެ އެއްވުމުން ރާއްޖެ އޮތީ ކިހިނެއްކަން އަދި ރައްޔިތުން ތިބީ ކިހިނެއްކަން ސާފުކޮށް ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

