މަޖިލީހުގެ 241 ކޮމިޓީން ބެލި މައްސަލައަކާ ގުޅިގެން ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުން ވަކިކުރެއްވި މަހްމޫދު ރިޔާޒުގެ ވަޒީފާ، މައްސަލަ އިތުރަށް ބެލުމަށްފަހު އަލުން އިޢާދަކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އޮފީހުން ވިދާޅުވީ، މަޖިލީހުގެ ކޮމިޓީން ދެއްވި ލަފައަކާ ގުޅިގެން މި ނިންމުން ނިންމަވާފައިވާ ކަމަށެވެ.
މަހްމޫދު ރިޔާޒު ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުން ވަކިކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އޭނާ މަޤާމުން ވަކިކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ދިރާސާކުރި ސިނގިރޭޓް ކާޓޫންތަކެއް ގަވާއިދާ ހިލާފަށް އެތެރެކުރި މައްސަލައަކާއި، ސިނގިރޭޓް ކާޓޫންތަކެއް ބޮންޑެޑްވެއާރ ހައުސްއިން ގަވާއިދާ ހިލާފަށް ބޭރުކުރި މައްސަލައަކާ ގުޅިގެނެވެ.
ނަމަވެސް އެ ކޮމިޓީން މި މައްސަލަތަކާ ގުޅޭގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ވަނީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގައި ހުންނެވި މަހްމޫދު ރިޔާޒުގެ ސީދާ ބައިވެރިވުމެއް އެ މައްސަލަތަކުގައި ނެތްކަމަށް ނިންމަވާފައެވެ. އަދި އޭނާގެ ވަޒީފާ އަލުން އިޢާދަކުރެއްވުމަށް އެ ކޮމިޓީން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ލަފާ އަރުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ކުރިއަށްގެންދިޔަ ތަހުގީގަކާ ގުޅިގެން މަގާމުން ވަކިކުރެއްވި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް މަހްމޫދު ރިޔާޒުގެ މައްސަލަ އެ ކޮމިޓީން އިތުރަށް ތަހުގީގުކުރެއްވުމަށްފަހު އެ މައްސަލާގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށް ނިންމައި، އޭނާގެ ވަޒީފާ އަލުން އިއާދަކޮށްދޭން ކޮމިޓީން ރައީސަށް ލަފާ އަރުވާފައިވާތީ، މަހްމޫދު ރިޔާޒުގެ ވަޒީފާ އަލުން އިއާދަ ކުރައްވާފައިވާ ކަމަށެވެ.
241 ކޮމިޓީން ދިރާސާކުރި މައްސަލައަށްފަހު މަހްމޫދު ރިޔާޒުގެ އިތުރުން، ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދުވެސް ވަނީ ވަޒީފާއިން ވަކިކުރައްވާފައެވެ. ނަމަވެސް އޭނާގެ ވަޒީފާ އިއާދަކޮށްދިނުމަށް ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާފައެއް ނުވެއެވެ.

