ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، ވަރަ އެކްސްޕޯ ވަނީ ވަޒީފާގެ ފުރުސަތުތަކާއި މަތީ ތަޢުލީމުގެ މަގުތައް ހޯދައިދީ، ޑިޖިޓަލް އައު ގޮތްތައް މެދުވެރިކޮށް ޒުވާނުން ބާރުވެރިކުރުވުމަށް އަމާޒުކޮށްފައެވެ. މި އެކްސްޕޯގައި 15,000 އަށްވުރެ ގިނަ ވަޒީފާ ހޯދާ މީހުންނާއި ދަރިވަރުންނާއި އެކި ދާއިރާގެ ތަޖުރިބާކާރުން އެއްތަނަކުން ބައްދަލުވެ، ގުޅުންތައް ބަދަހިކޮށްފައިވާކަމަށް މަތީ ތައުލީމާއި ބެހޭ ވުޒާރާއިން ލަފާކުރައްވައެވެ.
މި އެކްސްޕޯގައި 146 އެގްޒިބިޓަރުން ބައިވެރިވިއެވެ. މި ބައިވެރިވުމުގެ ތެރެއިން 1146 ވަޒީފާގެ ފުރުސަތު ހުޅުވިގެން ގޮސްފައިވާއިރު، 200 އަށްވުރެ ގިނަ އެޕްރެންޓިސްޝިޕް ފުރުސަތާއި، 500 އަށްވުރެ ގިނަ އިންޓާންޝިޕްގެ މައުލޫމާތު ވަނީ ފޯރުކޮށްދެވިފައެވެ. އެކްސްޕޯގައި ބައިވެރިވި ފަރާތްތަކުން ވަނީ ޚާއްސަކޮށް ޒުވާނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނުކަން ފާހަގަކޮށްފައެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ މިފަހަރު ބޭއްވުނު މިއެކްސްޕޯއަށް ލިބުނު ތަރުހީބަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. ވަޒީރު ވަނީ ވަރަ އެކްސްޕޯ ކޮންމެ އަހަރަކުވެސް ބާއްވާނެކަމަށް އިއުލާންކުރައްވާފައެވެ. އެގޮތުން އަންނަ އަހަރުގެ ފަހުކޮޅު މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ މި އެކްސްޕޯއަކީ ޒުވާނުންނަކީ އުފެއްދުންތެރި ގައުމަށް ފައިދާހުރި މަސައްކަތްތަކެއް ކުރާ ބަޔަކަށް ހެދުމަށް އެ ވުޒާރާއިން ކުރާ މަސައްކަތުގެ ބޮޑު ހިއްސާއެއް ކަމަށެވެ. “އަޅުގަނޑުމެން މަސައްކަތް މިކުރަނީ ޒުވާނުން ބާރުވެރިކުރުވަން. ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތަކާއި މަތީތަޢުލީމުގެ ފުރުސަތުތަކާއި އަމިއްލައަށް ނޫނީ އެހެންތަނެއްގައި ވެސް ވަޒީފާ އަދާކޮށްގެން ޒުވާނުންނަކީ އުފެއްދުންތެރި ގައުމަށް ފައިދާހުރި މަސައްކަތްތަކެއްކުރާ ބަޔަކަށް ހެދުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ ބޮޅެއްމީ،” ވަޒީރު ވިދާޅުވިއެވެ.
މި އެކްސްޕޯ ކުރިއަށް ގެންގޮސްފައިވަނީ ތިން ޒޯނަކަށް ބަހާލައިގެންނެވެ. އެއީ ކެރިއަރ، އެޑިއުކޭޝަން އަދި ސްކިލްސް އެކްސްޕީރިއަންސް ޒޯނެވެ. ކެރިއަރ ޒޯންގައި ސަރުކާރާއި ޕްރައިވެޓް ސެކްޓަރގެ 50 އެގްޒިބިޓަރުން ބައިވެރިވެ، ވަޒީފާގެ ފުރުސަތުތަކާއި އެޕްރެންޓިސްޝިޕް އަދި އިންޓާންޝިޕްގެ މައުލޫމާތު ދީފައިވެއެވެ. އަދި އެޑިއުކޭޝަން ޒޯނުން ހަޔަރ އެޑިޔުކޭޝަން ޕްރޮގްރާމްތަކާއި ސްކޮލަރޝިޕް ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކުރެވުނެވެ.

