ޝަރުޢީ ދާއިރާ އާއި ސަރުކާރަށް ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތް ކުރައްވާފައިވާ، ހ. ނޫކުރިކީލަ އަޙްމަދު ރިޟާ (ކުރިކީލަ ރިޒާ) އުމުރުފުޅުން 82 އަހަރުގައި މެލޭޝިއާގައި އަވަހާރަވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އާއިލާއަށް ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރިޟާ އަވަހާރަވުމާއި ގުޅިގެން އެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެ، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝަރުޢީ ދާއިރާ އާއި އަދި ސަރުކާރަށް ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތް ކުރައްވާފައިވާ، އަދި އިޖްތިމާޢީ ކަންކަމުގައިވެސް އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ހ. ނޫކުރިކީލަ އަޙްމަދު ރިޟާ (ކުރިކީލަ ރިޒާ) އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާކަމަށެވެ. އަދި އެ އާއިލާއަށް އެމަނިކުފާނު ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ.
މަރުޙޫމް އަޙްމަދު ރިޟާގެ ހިދުމަތްތަކުގެ އަގުވަޒަން ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލެއްވުމަށް އެދި ދުޢާކުރައްވާފައެވެ. އަޙްމަދު ރިޟާ އަވަހާރަވެފައިވަނީ އުމުރުފުޅުން 82 އަހަރުގައި މެލޭޝިޔާގައެވެ.
ރިޟާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަސުރުނަމާދަށް ފަހު މެލޭޝިއާގެ މަސްޖިދު އާރާ ދަމަންސަރާގައެވެ.

