ނިލަންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި ރާވެރިޔާ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ބޮންބޮން ސްޕޯޓްސް ކުލަބު ހޯދައިފިއެވެ.
ނިލަންދޫ ރަސްމީ ވޮލީ ކޯޓުގައި ކުރިއަށްދިޔަ މި މެޗު އެޓީމުން ކާމިޔާބު ކުރީ ސީދާ 3 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓު ބޮންބޮން ކުޅެމުންދިޔައީ ވަރަށް ހަމަޖެހިލަައިގެންނެވެ. މެޗުގެ ކުރީކޮޅު ބޮޑު ލީޑެއް ނެގި ނަމަވެސް ގެމަނަފުށީ ޓީމްއިން ކުޅުން ރަނގަޅު ކޮށް ނަތީއްޖާ 11-11 އިން އެއްވަރު ކުރިއެވެ. މިސެޓުގައި މާޖިދާ ކުރިއަށް އެރުމާއިއެކު ބޮންބޮން އިން ވަނީ ރަނގަޅު ނިންމުންތަކެއް ނިންމައި ލީޑު ފުޅާކޮށްފައެވެ. މެޗުގެ ފުރަތަމަ ސެޓު އެޓީމުން ކާމިޔާބުކުރީ 25-16 އިންނެވެ.
މެޗުގެ ދެވަނަ ސެޓު ފަށައިގެން ބޮންބޮން އައީ 7 ވަރަކަށް ޕޮއިންޓްގެ ލީޑުގައި ކުޅެމުންނެވެ. ގެމަނަފުށި ވޮލީ ކުލަބުން ބަދަލުތަކެއް ގެނައި ނަމަވެސް ބޮންބޮން ގެ ހަމަލާތައް ހުއްޓުވޭގޮތެއް ނުވެއެވެ. މިސެޓު ބޮންބޮން ކުޅެމުންދިޔައީ ބޮޑު ލީޑެއްގައި އޮވެގެންނެވެ. ސެޓުގެ ފަހުކޮޅު ބޮންބޮން ޓީމުން ވަރުބަލިކަން ފެނުނު ނަމަވެސް މިސެޓު 25-17 އިން ސެޓު ކާމިޔާބުކޮށްގެންނެވެ.
މެޗުގެ ތިންވަނަ ސެޓު ފަށައިގެން ގެމަނަފުށީ ވޮލީ ކުލަބުން މެޗުގެ ފުރަތަމަ ފަހަރަށް ލީޑް ނެގިއެވެ. 6-5 ލީޑުގައި އޮވެ ގިނަ އިރު ހިފެހެއްޓޭ ގޮތެއް ނުވެ ބޮންބޮން އިން ސެޓުގެ ލީޑް 13-10 އަށް ނެގިއެވެ. ސެޓުގެ ފަހުކޮޅު ފެނިގެން ދިޔައީ ގެމަނަފުށިން ވަރަށް ބޮޑަށް ކުޅުން ރަނގަޅު ކުރި ތަނެވެ. މިސެޓު ވާދަވެރިކޮށް ކުޅެ 28-26 އިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަމް ބޮންބޮން އިން ވަނީ ހޯދާފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބޮންބޮން ސްޕޯޓްސް ކުލަބުގެ ޖާޒީ ނަންބަރު 10 އައިޝަތު މާޖިދާއެވެ.
މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ ގެމަނަފުށީ ވޮލީކުލަބުގެ ޖާޒީ ނަންބަރު 14 އައިޝަތު ޝައިހާ އެވެ.
މުބާރާތުގެ އެންމެ މޮޅު ލިބަރޯ ބޮންބޮން ގެ ޖާޒީ ނަންބަރު 13 އައިޝަތު ނާއިލާއެވެ.
މުބާރާތުގެ ފެއާޕްލޭ ޓީމަކީ ގެމަނަފުށި ވޮލީކުލަބެވެ.
ބެސްޓް ސަޕޯޓާސް ޓީމަކީ ބޮންބޮން ސްޕޯޓްސް ކުލަބެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗު ބޮންބޮން ސްޕޯޓްސް ކުލަބުގެ އަހުމަދު އަޒީމްއެވެ.
މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިން.
1- އައިޝަތު މާޖިދާ ( ބޮންބޮންނސްޕޯޓްސް )
2- އާމިނަތު ރަފާ އިބްރާހިމް ( ގެމަނަފުށީ ވޮލީ ކުލަބު )
3- އާމިނަތު އަލީޝާ ( ބޮންބޮމް)
4- ހަދީއްޖާ އިބްރާހިމް ( ގެމަނަފުށީ ވޮލީ ކުލަބު )
5- ޒަހާނާ އިބްރާހިމް ( ބޮންބޮން)
6- މަރިޔަމް ނާމިޒާ ( ބޮންބޮން)
އަންހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔަކީ ބޮންބޮން ސްޕޯޓްސްގެ ޖާޒީ ނަންބަރު 10 އައިޝަތު މާޖިދާ އެވެ.
އަދި ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 50،000 ( ފަންސާސް ހާސް ) ރުފިޔާގެ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 25،000 (ފަންސަވީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.
އެންމެ ފަހުން ބޭއްވުނު މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ ގއ ގެމަނަފުށީ ވޮލީ ކުލަބެވެ. އަދި ފިރިހެން ޗެމްޕިއަން ޓީމަކީ ގއ ނިލަންދޫ ޓޮޕް ބްރަދާސްއެވެ.
މި މުބާރާތަކީ ހުވަދު އަތޮޅުގައި އެންމެ ޒަމާންވީ އެއްމުބާރާތެވެ. އަދި ރާއްޖޭގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން ރާވެރިޔާ މުބާރާތުގައި ކުޅެމުންދެއެވެ. އެގޮތުން މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ގައުމީ ވޮލީ ކުޅުންތެރިން ކަމުގައި ވާ ޝަމާއިލް ،ހުޒާމް، ޝާމިލް، ނިލާމް( ޕާޓޭ) ކުޅޭނެއެވެ. އަދި މީގެ އިތުރުން އަޒީމް ވެސް މި މުބާރާތުގައި ކުޅޭނެއެވެ.
އަންހެން ޑިވިޝަންގައި ވެސް ރާއްޖޭގެ މޮޅު ކުޅުންތެރިންގެ ކުޅުން ފެނިގެން ދާނެއެވެ. މީގެ ތެރޭގައި ރާއްޖޭގެ ގައުމީ އަންހެން ޓީމް ކުޅުންތެރިޔާ މާޖިދާ، އަދި ރަފާގެ ކުޅުން ފެނިގެން ދާނެއެވެ.

