މަސް ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް (އާރް.އެސް.ޑަބްލިއު) ޤާއިމްކުރުމަށް ހުޅުވާލި ލޯނު ޕްރޮގްރާމުގެ ދަށުން 33 ފަރާތަކަށް ލޯނު ދޫކުރުމަށް ފާސްކޮށްފިއެވެ. މި ލޯނުގެ މަޤްޞަދަކީ މަސްވެރިންނަށް ބާނާ މަސް ގިނަ ވަގުތު ތާޒާކަންމަތީ ބެހެއްޓޭނެ އިންތިޒާމް ހަމަޖައްސައިދީ، މަސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމެވެ.
މި ލޯނު ޕްރޮގްރާމަކީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާއި، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. މި ސަރުކާރުން ފުރަތަމަ ފަހަރަށް މި ފުރުޞަތު ހުޅުވާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ އާރް.އެސް.ޑަބްލިއު ޕްރޮގްރާމަށް ޖުމްލަ 85 އެޕްލިކޭޝަނެއް ލިބިފައިވާ ކަމަށެވެ. މީގެތެރެއިން 33 ފަރާތަކަށް ލޯނުދިނުމަށް ފާސްކުރެވުނުއިރު، އެއީ މުޅި ޖުމްލަ 34 މިލިއަން ރުފިޔާގެ އަދަދެކެވެ. މިހާތަނަށް 23.7 މިލިޔަން ރުފިޔާގެ ލޯނު ވަނީ ދޫކުރެވިފައެވެ.
މި ލޯނު ޕްރޮގްރާމް ތަޢާރަފްކުރުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ހުރި އައިސް ޕްލާންޓްތަކުން މަސްވެރިންނަށް ބޭނުންވާ ވަރަށް އައިސް ނުލިބުމުގެ މައްސަލައަށް ޙައްލެއް ހޯދުމެވެ. އަދި އައިސް ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމުގެ އިތުރުން، މަސްވެރިން ބާނާ މަސް ގިނަ ވަގުތު ތާޒާކަންމަތީ ދޯނިތަކުގައި ރައްކާކޮށް، ކަނޑުމަތީގައި ގިނަ ވަގުތު ހޭދަކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަކީވެސް މީގެ މަޤްޞަދެކެވެ.
މަސްވެރިކަމުގެ ފުރިހަމަ ނަފާ މަސްވެރިންނަށް ލިބޭނެގޮތް އިތުރަށް މަގުފަހި ކުރުމަށްޓަކައި، ވުޒާރާއިން ވަނީ އާރް.އެސް.ޑަބްލިއު ފައިނޭންސިންގ ފެސިލިޓީއަށް އެދި ހުށަހެޅުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައް ލުއިކޮށްފައެވެ. އެގޮތުން، ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ޤާއިމްކުރުމަށް ބަލާ ކްރެޑިޓް ހިސްޓްރީގެ މިންގަނޑު ކުރިން ބަލަމުން އައި 1 އަހަރުގެ ބަދަލުގައި 3 މަސް ދުވަހަށް ވަނީ ކުޑަކޮށްފައެވެ.
އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ މި ލޯނުގެ ދަށުން ރަހުނަކާ ނުލައި 100,000 ރުފިޔާއިން ފެށިގެން 2,000,000 ރުފިޔާއާ ހަމައަށް ލޯނު ދޫކުރެއެވެ. އަލުން ހުޅުވާލި މި ފުރުޞަތުގެ ދަށުން، ދޯނިތަކުގައި އަވިން ހަކަތަ އުފެއްދޭ ސޯލާ ނިޒާމާއި ޖެނެރޭޓަރު ގަތުމަށްވެސް ފައިނޭންސް ކުރެވޭނެއެވެ. ލޯނު އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު، 10 އަހަރުގެ މުއްދަތެއް ލިބޭނެއެވެ

