މުޅި ރާއްޖޭގެ ޞިއްޙީ ހާލަތު ތަފްޞީލީކޮށް ދެނެގަތުމަށް އަންނަ އަހަރުގެ ކުރީކޮޅު ފުޅާ ދިރާސާއެއް ފެށުމަށް ނިންމާފައިވާ ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ހާމަކުރައްވައިފިއެވެ. މި ދިރާސާއަކީ ޞިއްޙީ ވުޒާރާއާއި ޔުނިސެފް މޯލްޑިވްސް ކަންޓްރީ އޮފީހާއި ގުޅިގެން ކުރިއަށްގެންދާ ދިރާސާއެކެވެ.
މިކަން ވަޒީރު ހާމަކުރެއްވީ، މި ދިރާސާ ހެދުމަށް ޔުނިސެފާއެކު ފަހުމުނާމާއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. “މަލްޓިޕްލް އިންޑިކޭޓަރ ކްލަސްޓަރ ސަރވޭ” (MICS) ގެ ނަމުގައި ކުރިއަށްގެންދާ މި ދިރާސާ ކުރިއަށް ގެންދިއުމަށް އެކަމުގެ ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. ޞިއްޙީ ވުޒާރާގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ، ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ކަމަށްވާއިރު، ޔުނިސެފްގެ ފަރާތުން ސޮއިކުރެއްވީ، އެ ޖަމިއްޔާގެ ޚާއްސަ މަންދޫބު ޑރ. އެޑްވަރޑް އަޑާއީއެވެ.
ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވީ، ޤައުމުތަކުގެ އިޤުތިޞާދު ކުރިއަރުވައި، ސިޔާސަތުތައް އެކުލަވާލުމުގައި ތަފާސްހިސާބަކީ މުހިންމު އެއްޗަކަށްވާއިރު، ޞިއްޙީ ދާއިރާއިން މިގޮތަށް އެއްކޮށްފައި ހުރި އަދާހަމަ ތަފާސްހިސާބެއް ނެތް ކަމަށެވެ. އެހެންކަމުން އަލަށް ހަދައި ދިރާސާއާއެކު ޞިއްޙީ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމަށާއި، ފެންވަރު ރަނގަޅުކުރަންވީ ކަންކަން ދެނެގަނެވި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާޞިލުވުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ކްލަސްޓަރ ސަރވޭއަކީ ބައިނަލްއަޤުވާމީ ފެންވަރުގައި އާބާދީއާއި ޞިއްހަތާ ގުޅުންހުރި މިންގަނޑުތަކާއި އާބާދީގެ މައިގަނޑު ސިއްޙީ ހާލާތާއި، ސިއްޙީ ޚިދުމަތްތަކުގެ ހާލަތު ދެނެގަތުމަށް ކުރާ ދިރާސާއެއް ކަމަށެވެ. އަދި މިއީ ޔުނިސެފްގެ އެހީގައި ވަރަށް ގިނަ ޤައުމުތަކުގައި ކުރާ ދިރާސާއެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އަންނަ އަހަރުގެ ކުރީކޮޅު ދިރާސާގެ މަސައްކަތް ފެށިގެންދާނެކަމަށާއި، ބޭނުމަކީ ޞިއްޙީ ހާލަތު ދެނެގަނެ ސިއްހީ ދާއިރާގެ ދުރު ރާސްތާ ޕްލޭނާއި، ސިޔާސަތުތަކަށް ބޭނުންވާ މަޢުލޫމާތު އެއްކުރުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، އެންމެ ފަހުން ރާއްޖޭގެ ޞިއްޙީ ޙާލަތާ ގުޅޭގޮތުން ދިރާސާއެއް ކުރިއަށް ގެންގޮސްފައިވަނީ، 2017 ވަނަ އަހަރު ކަމަށެވެ. އަދި އޭގެފަހުން މިފަދަ ދިރާސާއެއް ހަދާފައެއް ނުވެއެވެ. އެހެންކަމުން ޞިއްޙީ ދާއިރާގެ ކުރިއެރުމަށް ކުރަންވީ ކަންކަން ދެނެގަތުމުގައި މިހާރު ދަތިތަކެއް ދިމާވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ދިރާސާގައި އާބާދީގެ ޞިއްހަތާއި، ދަރިމައިވުމުގެ ޞިއްހަތާއި، ކުޑަކުދިން ހެދިބޮޑުވަމުންދާ މިންވަރާއި، ދިވެހިން ޢާންމުކޮށް ކައިބޮއެ އުޅޭ ތަކެއްޗާ ބެހޭ މަޢުލޫމާތު އެއްކުރެވޭނެއެވެ. މި ދިރާސާ ހުރިހާ އަތޮޅެއްގައިވެސް ކުރިއަށް ގެންދެވޭނެ ކަމަށާއި، 6000 ގޭބިސީއަކަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މި ދިރާސާއަކީ ރާއްޖޭގެ ޞިއްޙީ ދާއިރާގެ ކުރިމަގު ބައްޓަންކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ މަސައްކަތެއް ކަމަށް ބެލެވެއެވެ.

