މި އަހަރުގެ މިހާތަނަށް އެންމެ އުތުރުގެ ތިން އަތޮޅު ކަމަށްވާ ހއ، ހދ އަދި ށ. އަތޮޅުގައި ޖުމްލަ 194 މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައި، 784.39 ގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް އުތުރުގެ އެ ތިން އަތޮޅުގެ އިސް ބޭފުޅަކަށް ކަނޑައަޅުއްވާފައިވާ ޗީފް ސްޕުރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް ޒުހުރީ މިއަދު ވިދާޅުވެއްޖެއެވެ.
ޒުހުރީ މި މައުލޫމާތު ހިއްސާކުރެއްވީ އަހަރުގެ މިހާތަނަށް އެ ސަރަހައްދުގެ މައްސަލަތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމުގައި ޒުހުރީ ވިދާޅުވީ ކުށުގެ ބިރުވެރިކަން ނައްތާލުމަށާއި ކުޑަކުރުމަށް ގިނަ ހަރަކާތްތަކެއް ވަނީ ހިންގާފައި ކަމަށެވެ. އެގޮތުން މަސްތުވާތަކެތި އެތެރެކުރުމާއި ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ ކުށްތައް މަދުކުރުމަށާއި އެ ކުށްތަކުގެ ބިރުވެރިކަން ކުޑަކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މަސްތުވާތަކެތީގެ ކުށްތަކާ ގުޅިގެން ހިންގި ޖުމްލަ 194 އޮޕަރޭޝަންގައި 169 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ޒުހުރީ ވިދާޅުވިއެވެ. އަދި އެ އޮޕަރޭޝަންތަކުގައި ޖުމްލަ 784.39 ގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
ޒުހުރީ އިތުރަށް ވިދާޅުވީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވައިދާއި ހިލާފުވާ މައްސަލަތައް މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން 273 ވެހިކަލް ޓޯކޮށްފައިވާއިރު، ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން 128 އެކްސިޑެންޓް ހިނގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން 423 ވެހިކަލެއް ޖޫރިމަނާކޮށްފައިވާއިރު، އާންމުނަށް އުނދަގޫވާގޮތަށް ސައިލެންސަރު ހަރުކޮށްގެން ދުއްވި 146 އުޅަނދެއް ހުއްޓުވައި ސައިލެންސަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ޒުހުރީ ވިދާޅުވިއެވެ. އެ މުއްދަތުގައި 7000 ވެހިކަލް ޗެކްކޮށްފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އަހަރުގެ މިހާތަނަށް އެ ސަރަހައްދުން ފުލުހުންނަށް 1797 މައްސަލަ ހުށަހަޅާފައިވާ ކަމަށް ޒުހުރީ ވިދާޅުވިއެވެ. އޭގެތެރެއިން 450 މައްސަލަ ވަނީ ލޮގްކޮށްފައި ކަމަށާއި، ތަހުގީގް ނިންމައި 292 މައްސަލަ ވަނީ ފައިލްކޮށްފައި ކަމަށެވެ. އަދި 91 މައްސަލަ ޕީޖީއަށް ފޮނުވާފައިވާއިރު، މިހާރު ވެސް 400 އަށްވުރެ ގިނަ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށް ޒުހުރީ ވިދާޅުވިއެވެ.

