ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކ.ގުޅިއަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅު ކުރެއްވީ އެ ރަށުގައި ހިންގާފައިވާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާ ކ.ގުޅިއަށް ވަޑައިގަތުމުން އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި، ކައުންސިލްގެ ވެރިންނާއި، ރަށުގެ އެކި މުޢައްސަސާތަކުގެ އިސްވެރިން ވަނީ އެމަނިކުފާނަށް ފެންނަފަދަ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ގުޅީގެ މަގުތަކުގައި އެއްވެ ތިބި ރައްޔިތުން ވަނީ ރައީސް މުޢިއްޒަށް ތާއީދުކޮށް އަޑުއުފުލާފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ކ. ގުޅީގައި އެ ރަށު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރައްވާނެއެވެ. އަދި އެ ރަށު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ފެއްޓެވުމަށްވެސް ވަނީ ހަމަޖެހިފައެެވެ.. މި މަޝްރޫޢުތަކަކީ ރަށުގެ ތަރައްޤީއަށް ގިނަ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ރައްޔިތުން އުއްމީދު ކުރާ މަޝްރޫޢުތަކެކެވެ.

