ކ. ގުޅީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ޙަވާލުކޮށްފިއެވެ. މި މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކުރީ އެރަށުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތު ބޭއްވުނީ، ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ގޮތުންނެވެ. ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢުދީއެވެ.
ގުޅީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކުރެވުނު އެމްޓީސީސީއަކީ، ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކުންފުންޏެކެވެ. އަދި މިހާރުވެސް އެކުންފުނިން ދަނީ ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދަމުންނެވެ. މި މަޝްރޫޢުގެ ސަބަބުން ގުޅީ ރައްޔިތުންނަށް ދިގުދެމިގެންދާނެ ފައިދާތަކެއް ލިބި، ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

