މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ މުސާރަ، 2012 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް، އަންނަ އަހަރު ބޮޑުވާނެ ކަމަށް އެ އިދާރާއިން ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ކަސްޓަމްސްއިން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއްގައެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ކަސްޓަމްސްއަށް 297 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، ކަސްޓަމްސްގެ ޗީފް ސުޕްރިޓެންޑެންޓް ޢަބްދުﷲ ޢަލީ ވިދާޅުވީ، ކަސްޓަމްސްއިން އެދުނު ބަޖެޓަށްވުރެ ހުށަހަޅާފައިވާ ބަޖެޓު ކުޑަ ނަމަވެސް، މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ. މުސާރަ ބޮޑުވާނެކަން އޭނާ ފާހަގަކުރެއްވީ ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން ކަސްޓަމްސްގެ މުވައްޒަފުންގެ މުސާރައަށް 13 އަހަރު ފަހުން ހެޔޮ ބަދަލެއް އަންނާނެކަން ކަށަވަރުވެފައިވާތީއެވެ.
ޢަބްދުﷲ ޢަލީ އިތުރަށް ވިދާޅުވީ، “މިހާތަނަށް މުވައްޒަފުންނަށް މުސާރަ ދެމުން އައީ، 2011 ވަނަ އަހަރު ކަސްޓަމްސްގެ ޤާނޫނު ވުޖޫދުވުމަށްފަހު 2012 ވަނަ އަހަރު އެކުލަވާލި މުސާރައިގެ އޮނިގަނޑުގެ ތެރެއިން” ކަމަށެވެ. މިހާރު އަންނަ ބަދަލާއެކު، ދިގު މުއްދަތެއް ފަހުން މުވައްޒަފުންނަށް ފައިދާއެއް ލިބިގެންދާނެއެވެ.
މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ ވިދާޅުވީ، އަންނަ އަހަރަށް 316 މިލިޔަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ދަންނަވާފައިވާނެ ކަމަށެވެ. ނަމަވެސް، މަޖިލީހަށް ހުށައަޅާފައިވަނީ އެ އަދަދަށްވުރެ 13 މިލިޔަން ކުޑަ ބަޖެޓެއް ކަމަށް ދިޔާނާ ފާހަގަކުރެއްވިއެވެ.
ދިޔާނާ ވަނީ، ކޮންޓެއިނަރު ސްކޭން ކުރާ މެޝިން ފަދަ ޚިދުމަތަށް ބޭނުންވާ މުހިންމު ވަޞީލަތްތަކެއް ހޯދުމުގެ މަސައްކަތް ކަސްޓަމްސްއިން ކުރަމުންދާކަން ހާމަކުރައްވާފައެވެ. ނަމަވެސް، އެކަން ހާސިލްކުރުމަށް މިހާރު ހުށަހަޅާފައިވާ ބަޖެޓަށްވުރެ ބޮޑު ބަޖެޓެއް ބޭނުންވާކަން އޭނާ ފާހަގަކުރެއްވިއެވެ. “162 މިލިޔަން ބޭނުންވޭ އެބަ ވަޞީލަތްތައް ހޯދަން. މިދިޔަ އަހަރުންސުރެ ކޮންޓެއިނަރު ސްކޭންކުރާ މެޝިނެއް ހޯދުމުގެ މަސައްކަތް ކުރަމުން އަޅުގަނޑުމެން މިއަންނަނީ،” ދިޔާނާ ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއިން ކުރިއަށްދާއިރު، އެ ކޮމިޓީއަށް ވުޒާރާތަކާއި، ސަރުކާރު އިދާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް ދަނީ ޙާޟިރުކުރަމުންނެވެ. އަދި އެ ތަންތަނުން ދަނީ، ބަޖެޓުގައި ހިމަނަން ބޭނުންވާ ކަންކަން ޙިއްސާކޮށް، މާލީ ގޮތުން ދިމާވާ ދަތިތައް ފާހަގަކުރަމުންނެވެ.

