އީ-ވިސާއަށް އެދި ހުށަހެޅޭނީ މި މަހުގެ 23ވަނަ ދުވަހުން ފެށިގެން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރައްވައިފިއެވެ.
އީ-ވިސާގެ ޚިދުމަތް ތަޢާރަފްކުރުމާއި ގުޅިގެން އިމިގްރޭޝަނުން ނެރުނު ދެންނެވުމެއްގައި ވަނީ 10ނޮވެންބަރު 2025ގައި ރަސްމީކޮށް ތަޢާރަފްކުރެވިފައިވާ އީ-ވިސާގެ ޚިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކަށް އެ މަރުޙަލާއަށް ތައްޔާރުވުމަށް ފުރުސަތު ދިނުމުގެ ގޮތުން، އީ-ވިސާއަށް އެދި ހުށަހެޅޭނީ 23 ނޮވެންބަރު 2025 އިން ފެށިގެން ކަމުގައިއެވެ.
މި މުއްދަތުގެ ތެރޭގައި އީ-ވިސާއަށް އެދި ހުށަހެޅުމަށް ޢަމަލުކުރަންޖެހޭ ގޮތުގެ ތަފްސީލީ ޓިއުޓޯރިއަލްތައް އިމިގްރޭޝަންގެ އެކި ޕްލެޓްފޯމުތަކުގައި ޝާއިޢުކުރެވިގެންދާނެއެވެ.
އެހެންކަމުން 20 ނޮވެންބަރު 2025ގެ ނިޔަލަށް، މިހާރުވެސް ޢަމަލުކުރަމުންދާ ގޮތަށް، ވިސާއަށް އެދި ޕާސްޕޯޓު އިމިގްރޭޝަނަށް ހުށަހެޅޭނެއެވެ.
އަދި 23 ނޮވެންބަރު 2025ގެ ފަހުން، ވިސާ ޖެހިފައިވާ ނަމަވެސް އިމިގްރޭޝަނުން ނުނަގާހުރި ޕާސްޕޯޓުތައް ދޫކުރެވޭނެއެވެ. އެހެންކަމުން ވިސާ ޖެހުމަށްފަހު ނުނަގާ ހުރި ޕާސްޕޯޓުތައް ވީއެންމެ އަވަސް ފުރުސަތެއްގައި ނެގުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ދިވެހިރާއްޖެ 2.0އަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާއަށް ގެންދިއުމަށް އިފްތިތާޙްކުރައްވާފައިވާ ޕްރޮގްރާމެކެވެ. އަދި މޯލްޑިވްސް 2.0އަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ގޮތެއްގައި ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލްކޮށްދިނުމަށް ހިންގަންފަށާފައިވާ މަޝްރޫޢެކެވެ.
މި މަޝްރޫޢަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރުން ނަތީޖާ ނެރުމަށް ހިންގާ މަޝްރޫޢެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒްކުރުމަށް ކުރިއަށް ގެންދާ ‘މޯލްޑިވްސް 2.0’ މަޝްރޫޢުގެ ދަށުން ސައްތައިން ސައްތަ، ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށް ފޯރުކޮށްދޭންފެށި ސަރުކާރުގެ ފުރަތަމަ އިދާރާއަކީ މޯލްޑިވްސް އިމިގްރޭޝަނެވެ.

