އަރަބިއްޔާ ސްކޫލުގެ އިމާރާތް ހަލާކުވެފައިވާތީ އެސްކޫލުގައި ކިޔަވާ ދަރިވަރުން އެހެން ސްކޫލަކަށް ބަދަލުކޮށްދިނުމަށް އެދި ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ގޮވާލައިފިއެވެ.
ޑރ.މުހައްމަދު އިޔާޟް ކުރެއްވި ޓްވީޓެއްގައި އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ ފޮޓޯތައް ހިއްސާކުރަމުން ވިދާޅުވެފައިވަނީ އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ ހާލަތު ވަރަށް ދެރަ ކަމަށާއި މިފަދަ ބިރުވެރި ޙާލަތެއްގައި ކުދިންނާއި ބެލެނިވެރިން ބައިތިއްބަވަން ނުހައްދަވާ އެހެން ޢިމާރާތަކަށް ސްކޫލާއި ކުދިން ބަދަލުކޮށް ދެއްވުމަށެވެ. އަދި އެޓްވީޓުގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޢަލީއާއި ނާއިބު ރައީސް ފައިސަލް ނަޞީމް ޓެގްކުރައްވާފައިވެއެވެ.
ޑރ.މުހައްމަދު އިޔާޟްގެ އިތުރުން ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވެސް ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ވީ އެންމެ އަވަސް ފުރުޞަތެއްގައި ދަރިވަރުން އަމާން މާޙައުލަކަށް ބަދަލުކުރުމަށާއި ޢަރަބިއްޔާއަށް އާއިމާރާތެއް އަޅަން، އާ ބަޖެޓްގައި ހިމެނުމަށް ވެސް ޝަހީމް ވަނީ ގޮވާލައްވާފައެވެ
އަރަބިއްޔާ ސްކޫލް ހިންގަމުން އަންނަ ޢިމާރާތުގައި ރެނދުލައި ބޮޑަށް ހަލާކުވަމުން ދާތީ އެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުން އެހެން ޢިމާރާތަކަށް ބަދަލުކޮށްދިނުމަށް ގޮވާލައިފިއެވެ.
ޢަރަބިއްޔާ ސްކޫލްގެ ޢިމާރާތުގައި ރެނދުލާފައި ހުރި ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގަވެސް އަންނަނީ ދައުރުވަމުންނެވެ. މިކަމާ އެސްކޫލުގެ ބެލެނެވެރިންވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވިދާލުވަނީ ޢަރަބިއްޔާ ސްކޫލް ޢިމާރާތުގައި ރެނދުލާފައި ހުރުމުގެ ސަބަބުން އެ ސްކޫލް ޢިމަރާތުގެ އެސެސްމަންޓެއް ދެފަހަރަކު ހަދާފައިވާކަމަށެވެ.