ހަގީގީ މާނައިގައި “އެންމެނަށް ބޯހިޔާވަހިކަން” މި ސަރުކާރުން ތަންފީޒު ކޮށްދެއްވާނެ ކަމަށް, ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މި ދައުރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ އާއިލާއަކަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވުމަކީ އެމަނިކުފާނުގެ ވައުދުފުޅެއްކަން ފާހަގަކުރައްވަމުންނެވެ. އެ ވައުދުފުޅާ އެއްގޮތަށް މިއަހަރުގެ ތެރޭގައި ބައެއް މަޝްރޫއުތައް ފައްޓަވައި އަންނަ އަހަރުވެސް އެކި މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
“ދިވެހީންގެ ރާއްޖެ” ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޕްރައިވެޓް ސެކްޓަރ ކުންފުނިތަކާ ހަވާލުކޮށްގެން އެކި ރަށްރަށުގައި 825 ހައުސިންގ ޔުނިޓުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން އިތުރު 16 ރަށެއްގައި 1100 ހައުސިންގ ޔުނިޓު ތަރައްގީ ކުރައްވާނެކަމަށެވެ. މީގެ އިތުރުން، އެމަނިކުފާނުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުގައި ބީއެމްއެލްއާ ހަވާލުކޮށް 3000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، އިތުރު 4500 ހައުސިން ޔުނިޓުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފައްޓަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަސްމާލެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންގޮސް 5 މަސް ދުވަހުގެ ތެރޭގައި ބިންހިއްކާ ނިމޭނެ ކަމަށެވެ. އަދި އެ މަސައްކަތް ނިމުމުގެ ކުރިން އެތަނުން 15000 ގޯތި ލިބޭ މީހުން ކަނޑައެޅިގެންދާނެ ކަމަށާއި، އެ އުސޫލުތައް އަންނަ ހަފުތާގައި އާންމު ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، މާލޭގެ އެކިއެކި ކެޓަގަރީތަކުގައި ހިމެނޭ ރަށްވެހިންނާއި މާލޭގައި ގިނަ ދުވަހު ދިރިއުޅެމުންދާ އެހެން ރަށުގެ ރައްޔިތުން ހިމެނޭހެން ގޯތި ދިނުމުގެ އުސޫލުތައް އެކުލަވާލެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
“15000 ގޯއްޗަށް ހުޅުވާލާނަން. އެއީ މާލޭގެ އެކިއެކި ކެޓަގަރީތަކުގައި ހިމެނޭ ރަށްވެހިންނާއި މާލޭގައި ގިނަ ދުވަހު ދިރިއުޅެމުންދާ އެހެން ރަށުގެ ރައްޔިތުން ހިމެނޭހެން އުސޫލުގައި ތަފްސީލު އޮންނާނީ. އިރާދަކުރެއްވިއްޔާ އެތަން ހިއްކާ ނިމޭއިރު ގޯތި ލިބޭ މީހުން އޮންނާނީ ކަނޑައަޅާ ނިމިފައި،” ރައީސް ވިދާޅުވިއެވެ.
ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށްވެސް ރައީސް އިޝާރާތްކުރެއްވިއެވެ. އެގޮތުން، އެ މަޝްރޫއުތަކުގެ ދަށުން ފްލެޓާއި ގޯތި ލިބުނު ފަރާތްތަކަށްވެސް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިގޮތަށް އެތަންތަން ދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ކަނޑުފަޅުން ދީފައިހުރި ގޯތިތައް ހަވާލުކުރުމަށް ބިން ހިއްކުމުގެ މަސައްކަތްވެސް ކުރިއަށްގެންދަވާނެކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

