ރާއްޖޭގެ އިޖުތިމާޢީ ދާއިރާއަށް ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަލްފާޟިލާ އައިޝަތު ހުސައިން (އަތަމާގެ، ގއ. ކަނޑުހުޅުދޫ) އަކީ މިފަދަ ޚިދުމަތްތެރިކަމުގެ ރަމްޒެކެވެ. އިޖުތިމާޢި ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާއިން 2025 ވަނަ އަހަރުގެ ރެހެންދި އެވޯޑު ހާސިލްކުރައްވާފައިވާ އަލްފާޟިލާ އާޢިޝަތު ހުސައިން، އަތަމާގެ، ގއ.ކަނޑުހުޅުދޫ އަކީ އިޖުތިމާޢީ ދާއިރާގައި 50 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވަވާފައިވާ ފަރާތެކެވެ. އޭނާގެ މަސައްކަތްތަކުގެ މައިގަނޑު މަޤްޞަދަކީ ދިވެހި އަންހެނުންނަކީ އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބާރުވެރި ބަޔަކަށް ހެދުމެވެ.
ކަސަބު ވިޔުމުގެ ހުނަރު ދިރުވައި އާލާކުރުން
އައިޝަތު ހުސައިންގެ ޚިދުމަތުގެ މައި ދާއިރާއަކީ ދިވެހި އާދަކާދައާއި ސަގާފަތުގެ މުހިންމު ބައެއް ކަމުގައިވާ ކަސަބު ވިޔުމުގެ މަސައްކަތެވެ. އުމުރުން އެންމެ 15 އަހަރުގައި މި މަސައްކަތް ފެށްޓެވި އޭނާ، 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަނީ މި ހުނަރު އެހެން މީހުންނަށް ހިލޭ ސާބަހަށް ދަސްކޮށްދެއްވުމުގައި ހީވާގިކަމާއެކު ހަރަކާތްތެރިވެފައެވެ.
ޒަމާނުއްސުރެ ދިވެހި އަންހެނުން ކުރަމުން އައި މި މަސައްކަތް އުވިގެންދިޔަ ނުދިނުމަށްޓަކައި އައިޝަތު ހުސައިން ކުރެއްވި މަސައްކަތްތަކަކީ މިސާލު ދައްކުވައިދޭ ކަމެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންނަށް އަމާޒުކޮށް އޮންލައިންކޮށް ކްލާސްތައް ނަންގަވާ ދެއްވަވަމުން، އައިޝަތު ހުސައިން ވަނީ މި މަސައްކަތް މުޅީ ރާއްޖެއަށް ފުޅާކުރައްވާފައެވެ.
އަންހެނުން ބާރުވެރިކުރުވުމުގައި އަދާކުރެއްވި ދައުރު
އައިޝަތު ހުސައިންގެ ޚިދުމަތްތަކުގެ ސަބަބުން އެތައް އަންހެނުންނަށް ވަނީ އަމިއްލަ އާމްދަނީ ހޯދުމުގެ މަގު ފަހިވެ، އިޤްތިޞާދީ ގޮތުން ބާރުވެރިކަން ލިބިފައެވެ. މިހާރުވެސް މި މަސައްކަތުގައި ޢަމަލީގޮތުން ހަރަކާތްތެރިވެވަޑައިގަންނަވާއިރު، 2022 ވަނަ އަހަރު ގއ. ކަނޑުހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ) އިން ހިންގި ކަސަބު ވިޔުމުގެ ކޯހުގައިވެސް، އައިޝަތު ހުސައިން ވަނީ ކިޔަވައިދެއްވާފައެވެ.
މީގެ އިތުރުން، އައިޝަތު ހުސައިންގެ މަސައްކަތްތަކުގެ ސަބަބުން އަންހެނުންގެ އިޖުތިމާޢީ ގުޅުން ވަރުގަދަވެ، އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރު ކޮށްދެއްވުމަށް ވެސް ވަނީ ގިނަ މަސައްކަތްތަކެއް ކުރެވިފައެވެ. އަންހެންކުދީންނާއި އަންހެނުން މި މަސައްކަތުގައި ހަރަކާތްތެރިކުރުވުމަށް ބާރުއަޅުއްވައި، އައިޝަތު ހުސައިން ވަނީ ހިލޭ ސާބަހަށް އެތައް ކުލާހެއް ހިންގަވާފައެވެ.
ޤައުމީ އަދި ބައިނަލްއަޤްވާމީ މަސައްކަތްތައް
އައިޝަތު ހުސައިން ވަނީ ޤައުމީ ފެންވަރުގެ މަޢުރަޒުތަކުގައި ބައިވެރިވެވަޑައިގެން އޭނާގެ ކަސަބު ވިޔުމުގެ ހުނަރު ދައްކުވައިދެއްވާފައެވެ. އަދި ރާއްޖެއިން ބޭރުގެ ޤައުމުތަކަށް ކަސަބު ލިބާސް ތައްޔާރުކޮށް، ދުނިޔޭގެ އެކި ހިސާބުތަކުގައި ދިވެހިންގެ މި ޒަމާންވީ މަސައްކަތް ދައްކުވައިދީ، ދިވެހިންގެ އާދަކާދަތައް ދިރުވައި އާލާކުރުމަށް ވެސް އައިޝަތު ހުސައިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. އޭނާގެ މި ޚިދުމަތްތަކުގެ ސަބަބުން ދިވެހި ސަގާފަތް ދުނިޔޭގެ މޭޒުމަތީގައި ބަހައްޓައި، ޤައުމީ ފަޚުރު އިތުރުކޮށްދިނުމަށް އެހީތެރިވެދިނެވެ.
އައިޝަތު ހުސައިންގެ 50 އަހަރަށްވުރެ ދިގު ޚިދުމަތަކީ އިޖުތިމާޢީ ތަރައްޤީއާއި އަންހެނުން ބާރުވެރިކުރުވުމަށްޓަކައި އަމިއްލަ ނަފްސު ޤުރުބާންކުރެއްވިކަމުގެ ހެއްކެކެވެ. ކަސަބު ވިޔުމުގެ ހުނަރު ދިރުވައި، އެތައް އަންހެނުންނަށް އާ އުއްމީދުތަކެއް ގެނެސްދެއްވި އޭނާގެ މަސައްކަތްތައް ހަނދާންކޮށް، 2025 ވަނަ އަހަރުގެ ރެހެންދި އެވޯޑު ލިބިވަޑައިގަތުމަކީ، އޭނާގެ އަގުހުރި ޚިދުމަތަށް ޤައުމުގެ ފަރާތުން ދެވުނު އެންމެ މަތިވެރި އިނާމެވެ. އައިޝަތު ހުސައިންގެ މި ޚިދުމަތްތަކަކީ ދިވެހި ޖީލުތަކަށް ނަމޫނާއެއް ކަމުގައި ދެމިގެންދާނެއެވެ.
އިޖުތިމާޢީގޮތުން ބާރުވެރިކުރުމުގެ ދާއިރާއިން 2025 ވަނަ އަހަރު ރެހެންދި އެވޯޑް ހާސިލްކުރައްވާފައިވާ އަލްފާޟިލާ އާޢިޝަތު ހުސައިން، އަތަމާގެ، ގއ.ކަނޑުހުޅުދޫއަށް ހުވަދޫމީޑިއާގެ ފަރާތުން ވަރަށްވެސް ހޫނު މަރުޙަބާއެއް ދަންނަވަމެވެ. އަދި އަދަށްވުރެ އަބަދަށް ފަހި މާދަމާއަކަށް އެދެމެވެ.
(މައުލޫމާތު؛ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ/ސަރުކާރު)


