އިސްރަށްވެހިންގެ ނާދީގެ ހަރަކާތްތަކުގައި ފަހަކަށް އައިސް ވަރަށް ހީވާގިކަމާއެކު ބައިވެރިވަމުން އަންނަ މެންބަރެއް ކަމުގައިވާ ޚަދީޖާ އަބޫބަކުރު, ނާދީއާ ގުޅިފައިވަނީ އާއިލާގެ ކުއްޖެއްގެ ފަރާތުން ނާދީގެ ޚަބަރު ލިބިގެންނެވެ. ނާދީގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ގިނަ ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށް ޚަދީޖާ ފާހަގަކުރެއެވެ.
ފުރަތަމަ ފަހަރަށް ނާދީއަށް އަންނަން ފެށި އިރު، އެހާ ގިނަ ރައްޓެހިން ނެތް ނަމަވެސް، ނާދީއަށް ގިނައިން އަންނަން ފެށުމާއެކު، ނާދީގެ މެންބަރުންނާއެކު އުފެދިގެން ދިޔައީ އެއްބަނޑު އެއްބަފާކަމުގެ ގުޅުމެއް ކަމަށް ޚަދީޖާ ސިފަކުރެއެވެ. އޭނާ ފާހަގަކުރި ގޮތުގައި މިހާރު ހުރިހާ މެންބަރުންނަކީވެސް ވަރަށް ގާތް ރަޙްމަތްތެރިންނެވެ. މިފަދަ ގާތް ގުޅުމެއް އުފެދިފައިވުމަކީ ނާދީއަށް އައުމަށް ލިބޭ އެންމެ ބޮޑު ހިތްވަރު ކަމަށްވެސް އޭނާ ބުންޏެވެ.
ނާދީއިން ލިބުނު ފުރުޞަތުތަކުގެ ތެރެއިން ވަރަށް ގިނަ އައު ކަންކަން ދަސްވެފައިވާކަން ޚަދީޖާ ފާހަގަކުރިއެވެ. “މިގޮތުން ކަސްތަރުކުރުމާއި، ބަންޖާއި ރައިވަރު ކިޔުމާއި، ޤުރުއާން ކްލާހުގެ އިތުރުން، ވޫލް އިން ތަފާތު އެއްޗެހި ހަދަން ދަސްކުރުމާއި، ދިވެހިންގެ އާދަކާދައާ ގުޅިފައިވާ ސަގާފީ އަތްތެރިކަމުގެ މަސައްކަތްތައް ދަސްކުރުމުގެ ފުރުޞަތުވެސް ނާދީއިން ލިބިފައިވޭ،” ޚަދީޖާ ބުންޏެވެ. އަދި މިފަދަ ހުނަރުތައް ދަސްކުރަން ލިބުމުން ވަރަށް އުފާވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
ގޭގައި ހުސް ވަގުތު ތިބުމުގެ ބަދަލުގައި ނާދީއާ ގުޅިގެން ހަރަކާތްތެރިވުމަށް ޚަދީޖާ ހުރިހާ އިސްރަށްވެހިންނަށް ގޮވައިލިއެވެ. ޚަދީޖާ ބުނި ގޮތުގައި ނާދީއަށް އައިސް މީހުންނާ ބައްދަލުވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހި، އުފާވެރިކަން ލިބެއެވެ. ޚާއްސަކޮށް، ހުރިހާ ރަޙްމަތްތެރިން އެއްތަންވެފައި ތިބެނިކޮށް ފެނުނީމާ، ބުނެދޭން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެއް ލިބޭ ކަމަށް ޚަދީޖާ އުފަލާއެކު ފާހަގަކުރެއެވެ. މިއީ އިސްރަށްވެހިންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދޭ ތަނެއް ކަމަށް އޭނާ ދެކެއެވެ.

