ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޤާނޫނުއަސާސީ އާއި ގުޅުންހުރި ޤާނޫނުތަކަށް އިސްލާހުތަކެއް ހުށަހަޅުއްވައިފި އެވެ. މި އިސްލާހުތަކުގެ މައިގަނޑު މަޤްސަދަކީ އަތޮޅު ކައުންސިލްތައް އުވާލައި، ރަށްރަށުގެ އާބާދީއާ ގުޅޭގޮތަށް ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދަށް ބަދަލުގެނައުން ކަމަށް ސަރުކާރުން ބުނެ އެވެ. މި ބަދަލުތައް އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެ އެވެ.
ސަރުކާރުން ހުށަހަޅާފައިވާ ޤާނޫނުއަސާސީ އިސްލާހުގެ ދަށުން، އިދާރީ ދާއިރާތައް ހިންގުމަށް ޤާނޫނުއަސާސީގެ 230 ވަނަ މާއްދާއިން އަތޮޅު ކައުންސިލް އުފެއްދުމާ ގުޅޭ ބައި ވަނީ އުނިކޮށްފައެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު ޢަބްދުﷲ ހުށަހަޅުއްވާފައިވާ އިސްލާހުގެ ދަށުން، އެ ޤާނޫނުގައި އަތޮޅު ކައުންސިލްތަކާ ގުޅޭގޮތުން މިހާރު ހުރި ބައިތައް އުނިކުރުމަށް ވެސް ވަނީ ހުށަހަޅުއްވާފައެވެ.
އެންމެ ގިނަ އިސްލާހުތަކެއް ހުށަހަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ޤާނޫނަށެވެ. އެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ހުށަހަޅުއްވާފައިވާ އިސްލާހުގެ ދަށުން، 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބު ކުރާނީ 3 ކައުންސިލަރުންނެވެ. އަދި އެއަށްވުރެ އާބާދީ ބޮޑު ރަށްރަށުގެ ކައުންސިލަށް އައްޔަން ކުރާނީ 5 ކައުންސިލަރުންނެވެ. މިހާރުގެ ޤާނޫނުގައި ކޮންމެ ރަށު ކައުންސިލެއްގައި 5 މެންބަރުން ތިއްބަވަ އެވެ.
ލާމަރުކަޒީ ޤާނޫނަށް ހުށަހެޅުއްވި އިސްލާހުގައި 3 ކައުންސިލަރުން އިންތިޚާބު ކުރާ ރަށު ކައުންސިލްތަކުގައި އެއް ގޮނޑި އަންހެނުންނަށް ޚާއްސަ ކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި 5 ކައުންސިލަރުން އިންތިޚާބުކުރާ ކައުންސިލްތަކުގައި މިހާރު ވެސް އަމަލުކުރާގޮތަށް 2 ގޮނޑި އަންހެނުންނަށް ޚާއްސަ ކުރަންޖެހޭނެ އެވެ.
މީގެ އިތުރުން، މި ޤާނޫނަށް ގެންނަ އިސްލާހުގެ ދަށުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންގެ އަދަދާއި އެ ކޮމިޓީގެ ރައީސް އިންތިޚާބުކުރާ ގޮތަށް ބަދަލު ގެނައުމަށް ވެސް ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން، ކޮންމެ ރަށެއްގައި ވެސް އަންހެނުންގެ ކޮމިޓީ މެންބަރުން ތިބެންވާނީ ކައުންސިލަރުންގެ އަދަދަށް ކަމަށް ބަޔާންކޮށްފައިވެ އެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް އިންތިޚާބު ކުރާނީ ކައުންސިލް ރައީސުން އިންތިޚާބުކުރާގޮތަށް ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އަދި އެ މަޤާމަކީ ފުލްޓައިމް މަޤާމެއް ކަމަށް ވެސް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ މި އިސްލާހުތައް ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤު ކުރައްވާ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. ރައީސް މުޢިއްޒު ވަނީ އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް އަތޮޅު ކައުންސިލްތައް އުވާލައި އާބާދީއާ އެއްވަރަށް ރަށު ކައުންސިލްތަކުގައި ހިމެނޭ މެންބަރުންގެ އަދަދަށް ބަދަލު ގެންނަވާނެކަމަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސަކީ ފުލްޓައިމް މަސައްކަތް ކުރާ މެންބަރަކަށް ހައްދަވާނެކަމަށް ވެސް މީގެ ކުރިން ވިދާޅުވެފައެވެ.
މިހާރު ހިނގަމުންދާ ކައުންސިލް އަދި އަންހެނުންގެ ކޮމިޓީގެ ދައުރު އަންނަ އަހަރަށް ހަމަވާނެ އެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ އަހަރުގެ މާޗު މަހުގެ ފަހުކޮޅު ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ނިންމަވާފައެވެ.

