ށ. މިލަންދޫ ބަނދަރު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގެ 55 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީ (މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ) އިން މިއަދު ހާމަކޮށްފިއެވެ. މި މަޝްރޫޢަކީ މިލަންދޫގެ އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުމަށް މުހިންމު މަޝްރޫއެކެވެ.
އެމްޓީސީސީން ބުނެފައިވާ ގޮތުގައި މިލަންދޫ ބަނދަރު މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ 20 މީޓަރުގެ ބުރިޖްގެ ރެއިންފޯސްމަންޓް އަދި ޝަޓަރިން މަސައްކަތެވެ. ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 76.44 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެކެވެ. މަސައްކަތް ރަސްމީކޮށް ފެށިފައިވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ.
މި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރުގެ ސަރަހައްދު ފުޅާކުރުމަށްޓަކައި 96،700 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުން ހިމެނެއެވެ. މީގެ އިތުރުން، ބަނދަރަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް 583 މީޓަރުގެ ބޭރުތޮށި ލުމާއި، 93 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.
އަދި ބަނދަރުގައި ދަތުރުފަތުރުކުރާ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން 311 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 3789 އަކަ މީޓަރުގެ ސަރަޙައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް ޖެހުން ހިމެނެއެވެ. މީގެ އިތުރުން، ބަނދަރު ބައްތިއާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެއެވެ. މި މަޝްރޫއު ނިމުމުން މިލަންދޫގެ ރައްޔިތުންނަށް ކަނޑުދަތުރުފަތުރުގެ ގޮތުން ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

