ސަރުކާރުން ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ސިއްހީ ކުއްލި ފަރުވާގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، އެއާ އެމްބިއުލަންސްގެ ޚިދުމަތް އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ދުބާއީ އާއި ތައިލެންޑަށް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެއާ އެމްބިލަންސްގެ ހިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންފައިވާ، ރިޔާސީ ވައުދުތަކުގެ ތެރެއިން ސަރުކާރުގެ ހަފްތާ14ގައި ހިމަނުއްވާ، 1 މާރިޗް 2024ން ފެށިގެން ދެމުންދާ ހިދުމަތެކެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުނީ ސިއްހީ ވުޒާރާ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، އަދި ގައުމީ އެއާލައިން މޯލްޑިވިއަން (އައިލެންޑް އޭވިއޭޝަން) އާ ގުޅިގެންނެވެ. އެއްބަސްވުމުގައި ސޮއިކުރެއްވީ ސިއްހީ ވުޒާރާގެ ނާއިބު އަޙްމަދު ހަމްދާން ނާސިރު، އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާޒު އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދެވެ.
ސިއްހީ ވުޒާރާއިން ބުނީ، ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ސިއްހީ ކުއްލި ފަރުވާގެ ޚިދުމަތް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ. އެއާ އެމްބިއުލަންސްގެ ޚިދުމަތަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެއްގެ ދަށުން، 1 މާރިޗް 2024 އިން ފެށިގެން ދެމުންދާ ޚިދުމަތެކެވެ. މި ޚިދުމަތް ދިނުމަށްޓަކައި ސިއްހީ ވުޒާރާގެ ދަށުން މޯލްޑިވްސް އެމެޖެންސީ މެޑިކަލް ސާވިސަސް (MEMS) ވަނީ އުފައްދާފައެވެ.
މި ޚިދުމަތް 24 ގަޑިއިރު ދިނުމަށްޓަކައި ތަމްރީނު ލިބިފައިވާ ޑޮކްޓަރުން، ނަރުހުން، އިމަޖެންސީ މެޑިކަލް ޓެކްނީޝަނުން، ކޯލް ސެންޓަރު މުވައްޒަފުން އަދި ޑްރައިވަރުން ދަނީ މަސައްކަތްކުރަމުންނެވެ. މިހާތަނަށް (މި ޚަބަރު ލިޔުނުއިރު) ރާއްޖޭގެ އެކި ކަންކޮޅުތަކުން 1840 ބަލިމީހުންނަށް ފަރުވާ ދިނުމަށް އެއާ އެމްބިއުލަންސްގައި މާލެ ސަރަހައްދަށް ގެނެވިފައިވެއެވެ. މި ޚިދުމަތް ބޭރުގެ ގައުމުތަކަށް ފުޅާކުރުމާއެކު، ރާއްޖޭގެ ރައްޔިތުންނަށް ދުނިޔޭގެ ފެންވަރުގެ ސިއްހީ ފަރުވާ ހޯދުމަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.

