ތިނަދޫ ސިޓީގައި ކުރިއައްދާ ހިޔަލަ ހޭންޑްބޯލް މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ ބުރުގެ ހުރިހާމެޗަކުން މޮޅުވެ ވެމްކޯ ފުރަތަމަ ބުރުގެ އެއްވަނަ ޖާގަ ހޯދައިފިއެވެ.
ވެމްކޯ އެއްވަނައައް ދިޔައީ ފުރަތަ ބުރުގެ ދެ މެޗުން މޮޅުވެ 6 ޕޮއިންޓް ހޯދައިގެންނެވެ.
ފުރަތަމަ ބުރުގައި ވެމްކޯ ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ ސްކޯޕިއަންސް އާއެވެ. މިމެޗް ވެމްކޯ ކާމިޔަބުކުރި 25/24 އިންނެވެ. މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައި ވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޖާޒީ ނަންބަރ 5 މުހައްމަދު ފަޒީހު އެވެ.

މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައި ވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޖާޒީ ނަންބަރ 5 މުހައްމަދު ފަޒީހު—-ފޮޓޯ: ދޮންކޮޅު
މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ ބުރުގެ ޕޮއިންޓް ޓޭބަލް އަށް ބަލާއިރު ވެމްކޯ ވަނީ ދެ މެޗު ކުޅެގެން 54 ގޯލާއެކު 6 ޕޮއިންޓް ހޯދައިފައެވެ. ދެވަނައިގަ އުޅެނީ އެއް މެޗުން މޮޅުވެ 53 ގޯލާއި އެކު ތިން ޕޮއިންޓް ހޯދައިގެން ސްކޯޕިއަންސް އެވެ. ތިންވަނައިގައި އުޅޭ ފަޔަރ ސްޓޯމް މިހާތަނައް މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން ވަނީ ބަލި ވެފައެވެ.
ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ “ހިޔަލަ ހޭންޑްބޯލް” މުބާރާތަކީ ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ސިލްސިލާ މުބާރާތެކެވެ. އަންހެން އަދި ފިރިހެން ޑިވިޝަން ވަކިން ކުރިޔަށް ގެންދާ މި މުބާރާތުގައި ފިރިހެން ޑިވިޝަންގައި ބައިވެރިވީ ޖުމްލަ 3 ޓީމެވެ.

