ނެއިލް ޕޮލިޝްއަކީ ދުނިޔޭގެ އެތައް މިލިއަން އަންހެނުންގެ ޒީނަތްތެރިވުމުގެ ވަރަށްވެސް މުހިންމު ބައެކެވެ. ނިޔަފަތިތަކަށް ހިތްއެދޭފަދަ، ލައިގެން ހުންނަ ހެދުމާއި މޭކަޕާ ގުޅޭފަދަ ކުލައެއް ގެނެސްދޭ މި އުފެއްދުންތަކުގެ ސަބަބުން ލިބޭ ވަގުތީ ހިތްހަމަޖެހުމަށްޓަކައި ގިނަ ބަޔަކު މިކަން ކުރެއެވެ. ނަމަވެސް، މި އުފެއްދުންތަކުގެ ސަބަބުން ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ގިނަ ބަޔަކު އަޅާލާކަމަކަށް ނުފެނެއެވެ. ނެއިލް ޕޮލިޝްގެ ތެރޭގައި ހިމެނޭ ނުރައްކާތެރި ކެމިކަލްތަކުގެ ސަބަބުން ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ.
ނުރައްކާތެރި ކެމިކަލްތަކާއި އެތަކެތީގެ އަސަރު: ނެއިލް ޕޮލިޝްގައި ހިމެނޭ އެންމެ ނުރައްކާތެރި މާއްދާތަކުގެ ތެރޭގައި ‘ޓޮކްސިކް ޓްރިއޯ’ (Formaldehyde، Toluene، Dibutyl Phthalate – DBP) ހިމެނެއެވެ. ފޯރމަލްޑިހައިޑް އަކީ ކެންސަރު ޖައްސާކަން އެނގިފައިވާ މާއްދާއެކެވެ. މިއީ ޕޮލިޝް ނުބައިވިޔަ ނުދިނުމަށް ބޭނުންކުރާ އެއްޗެކެވެ. ޓްލުއިން އަކީ ނޭވާލާ ނިޒާމަށް އުނދަގޫކޮށް، ބޮލުގައި ރިހުން ނުވަތަ ހޭނެތުން ފަދަ ނިއުރޮލޮޖިކަލް މައްސަލަތައް ދިމާކުރާ އެއްޗެކެވެ. އަދި ޑިބިއުޓައިލް ފްޓަލޭޓް (DBP) އަކީ ހޯރމޯނުތަކުގެ މަސައްކަތަށް ބަދަލު ގެނެސް، އަންހެނުންގެ ހާއްސަ ބަލިތަކަށް މަގުފަހިކުރުވާ މާއްދާއެކެވެ. މީގެ އިތުރުން ޓްރައިފެނައިލް ފޮސްފޭޓް (TPHP) ފަދަ އެންޑޮކްރައިން ނިޒާމަށް ބުރޫއަރާ މާއްދާތައް ވެސް ހިމެނެއެވެ.
ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރުތައް: މި ކެމިކަލްތައް ހަމައެކަނި ނިޔަފައްޗާ ހަމައިން މަޑެއް ނުޖެހެއެވެ. މި ކެމިކަލް ނޭވާލުމުގެ ތެރެއިން ހަށިގަނޑަށް ވަދެ، އެތެރޭގެ ގުނަވަންތަކަށް އަސަރު ފޯރުވައެވެ. ސައިންޓިސްޓުން ހެދި ތަޖުރިބާތަކުން ދައްކާގޮތުގައި، ނެއިލް ޕޮލިޝް އުނގުޅާތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ހަށިގަނޑުގައި ހުންނަ ޑިފެނައިލް ފޮސްފޭޓް (DPHP) ގެ މިންވަރު އާއްމުކޮށް ހުންނަ ވަރަށްވުރެ 7 ގުނައަށް އިތުރުވެއެވެ. މިއީ ހޯރމޯނުތަކުގެ މަސައްކަތަށް ބުރޫއަރާކަން ދައްކުވައިދޭ ކަމެކެވެ. ދިގު މުއްދަތުގައި މިފަދަ މާއްދާތަކަށް ހުށަހެޅުމުގެ ސަބަބުން ހިތުގެ ބަލިތަކާއި، ނޭވާލާ ނިޒާމުގެ ބަލިތަކުގެ އިތުރުން ކެންސަރުގެ ނުރައްކާ ވެސް ބޮޑުވެއެވެ.
ނިޔަފަތިތަކަށް ލިބޭ ގެއްލުންތަކާއި ރައްކާތެރިވުން: ގިނަ ދުވަހު ނެއިލް ޕޮލިޝް ބޭނުންކުރުމުން ނިޔަފަތިތަކަށް ސީދާ ގެއްލުން ވެއެވެ. ނިޔަފަތި ހުދުވެ، ހިކި، އަދި ކުލަޖެހުން ފަދަ މައްސަލަތައް ދިމާވެއެވެ. މީގެ އިތުރުން، ބައެއް މީހުންނަށް ވަކި ކެމިކަލްތަކަށް އެލާޖިކް ގެ އަސަރުތައް ކުރިމަތިވެ، ނިޔަފަތި ކައިރީގެ ހަންގަނޑު ދުޅަވުން ނުވަތަ ރަތްވުން ފަދަ މައްސަލަތައް ދިމާވެއެވެ. މިކަމުން ރައްކާތެރިވުމަށްޓަކައި، ‘3-ފްރީ’ ނުވަތަ ‘5-ފްރީ’ ފަދަ ލޭބަލް ޖަހާފައި ހުންނަ، ނުރައްކާތެރި މާއްދާތައް މަދު ނުވަތަ ނުހިމެނޭ ޕޮލިޝްތައް ބޭނުންކުރުމަށް ސަމާލުކަން ދޭންވާނެއެވެ. އަދި ނިޔަފަތިތަކަށް ހަމަ ނޭވާލުމުގެ ފުރުސަތު ދިނުމަށްޓަކައި، ދޭތެރެ ދޭތެރެއިން ޕޮލިޝް ނުކޮށް، ކުލަ ނުޖައްސާ ހުރުން މުހިންމެވެ. ސެލޫންތަކުގައި ވެސް ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަކީ ބަލިތަކުން ރައްކާތެރިވުމަށްޓަކައި މުހިންމު ކަމެކެވެ.
ނެއިލްޕޮލިޝްގެ ސަބަބުން ލިބޭ ވަގުތީ ރީތިކަމަށްވުރެ، ދިގު މުއްދަތުގައި ސިއްހަތަށް ލިބޭ ގެއްލުން ބޮޑެވެ. ވީމާ، މިފަދަ އުފެއްދުންތައް ބޭނުންކުރާއިރު، އޭގައި ހިމެނޭ މާއްދާތަކާމެދު ހޭލުންތެރިވެ، ވީހާވެސް ރައްކާތެރި ގޮތްތައް އިޚްތިޔާރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އޭގެ ބަދަލުގައި އެހާ ބޮޑަށް ކުލަ ޖައްސާ ހިތްވާނަމަ ހީނާފަތުގެ ބޭނުން ހިފިދާނެއެވެ.
ހީނާފަތް ނުވަތަ ހީނާ އަކީ ހަގީގަތުގައި ވެސް އެއްވެސް އާޓިފިޝަލް ކެމިކަލެއް ނުހިމެނޭ ތަބީޢީ އުފެއްދުމެކެވެ. ހީނާފަތް ޕެެކެޓް ވެސް ލިބެން ހުންނާނެއެވެ. ޕެކެޓްގައިވާ ހީނާކުލައަކީ ލޯސޯނިއާ އިންނާމިސް (Lawsonia inermis) ކިޔާ ގަހެއްގެ ފަތުން ތައްޔާރުކުރާ ކުލައެކެވެ. މިގޮތުން ހީނާފަތަކީ ވަގުތީ ގޮތުން ހަށިގަނޑުގައި ނުވަތަ ނިޔަފަތީގައި ކުލަޖެއްސުމަށް ބޭނުންކުރާ، ކެމިކަލްތަކުން އެއްކިބާވެފައިވާ ރަނގަޅު ކުލައެކެވެ.
ނަމަވެސް، ނެއިލް ޕޮލިޝް އަކީ އެކި ކެމިކަލް މާއްދާތައް އެކުލެވޭ ސިންތެޓިކް އުފެއްދުމެކެވެ. އެހެންކަމުން، ހީނާފަތަކީ ނެއިލް ޕޮލިޝްއަށްވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅުވެފައި ފައިދާ ކުރަނިވި ބާވަތެކެވެ.

