މިހާރު ބާސެލޯ ނަސަންދުރާގައި ކުރިއަށްދާ ހަތްވަނަ ކެރަމް ވޯލްޑް ކަޕްގެ އަންހެން ޑަބަލްސް އިވެންޓްގެ ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި ވާދަވެރި ކުޅުމަކަށްފަހު އެމެރިކާގެ ޕެއާ އަތުން ރާއްޖޭގެ އައިޝަތު ނަހުފާ އާއި އައިޝަތު ފައިނާޒްގެ ޕެއާ ބަލިވެއްޖެއެވެ.
މިއީ މުޅި ދުނިޔޭގެ އެކި ބައްރުތަކުން 17 އަށް ވުރެ ގިނަ ގައުމުގެ ގާތްގަނޑަކަށް 150 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާ، އައިސީއެފް އިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ.
މުބާރާތުގެ ތިންވަނަ ހޮވުމަށް ކުޅުނު މި މެޗުގައި ރާއްޖޭގެ ޕެއާ ބަލިވީ އެމެރިކާގެ ޕްރިތީ ޖަކޯޓިއާ އާއި ތޭޖަސްވީ ޑުޑުކާގެ ޕެއާ އަތުންނެވެ. މި މެޗުން އެމެރިކާގެ ޕެއާ މޮޅުވީ 2-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓުން ރާއްޖޭގެ ނަހުފާ އާއި ފައިނާޒްގެ ޕެއާ 22-13 އިން ކުރިހޯދާފައިވާއިރު، ދެވަނަ ސެޓުގައި ވާދަވެރި ކުޅުމަކަށްފަހު އެމެރިކާގެ ޕެއާ މޮޅުވީ 23-20 އިންނެވެ.
އެއަށްފަހު، ނަތީޖާ ނެރެދިން ފަހު ސެޓުގައި އެމެރިކާގެ ޕެއާ 17-11 އިން ކުރިހޯދައި، މެޗު ކާމިޔާބުކުރިއެވެ. މި ސެޓުގައި ވެސް ރާއްޖޭގެ ޕެއާ ވަނީ ހިތްވަރުގަދަ އަދި ތައުރީފު ހައްގު ކުޅުމެއް ދައްކާފައެވެ. މި ނަތީޖާއާއެކު ރާއްޖޭގެ މި ޕެއާ އަށް މުބާރާތުގެ މެޑެލްއެއް ހާސިލްކުރުމުގެ ފުރުސަތު ގެއްލިގެން ދިޔައެވެ.

ކެރަމް ވޯލްޑް ކަޕްގެ އަންހެން ޑަބަލްސް ތިން ވަނަ ހޮވަން ކުޅުނު މެޗުގެ ތެރެއިން – ފޮޓޯ: ކެރަމް އެސޯސިއޭޝަން
މީގެ އިތުރުން، މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓްގައި ރާއްޖޭން ދެން ވާދަކުރި އައިމިނަތު ވިދާދް އާއި ފާތިމަތު ރަޔާނާގެ ޕެއާ ވަނީ ކުއާޓަރ ފައިނަލުގައި ވާދަކޮށްފައެވެ. ވިދާދް އާއި ރަޔާނާގެ ޕެއާ އަށް ކުއާޓަރ ފައިނަލުގައި ނާކާމިޔާބުވީ ވެސް ތިންވަނަ ހޮވުމުގެ މެޗުން ރާއްޖޭގެ ޕެއާ ބަލިކުރި އެމެރިކާގެ ޕްރިތީ ޖަކޯޓިއާ އާއި ތޭޖަސްވީ ޑުޑުކާގެ ޕެއާ އަތުންނެވެ.
މިއީ ކެރަމް ވޯލްޑް ކަޕްގެ ހަތްވަނަ މުބާރާތެވެ. ރާއްޖޭގައި އެންމެ ފަހުން ކެރަމް ވޯލްޑް ކަޕެއް ބޭއްވީ 11 އަހަރު ކުރިން، 2014 ވަނަ އަހަރު ސަން އައިލެންޑް ރިސޯޓްގައެވެ.
މިދިޔަ އަހަރު އެމެރިކާގައި ކުރިއަށްދިޔަ ހަވަނަ ވޯލްޑް ކަޕްގައި ރާއްޖޭން ވަނީ އަންހެން އަދި ފިރިހެން ޓީމް އިވެންޓުން ބްރޯންޒް މެޑެލް ހާސިލްކޮށްފައެވެ. ރާއްޖޭގެ ކުޅުންތެރިންގެ މިފަހަރުގެ ނަތީޖާތަކުން ދައްކުވައިދެނީ ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރުމަށް ރާއްޖޭގެ ކުޅުންތެރިން ކުރަމުންދާ ބުރަ މަސައްކަތުގެ މުހިންމުކަމެވެ.

