އައްޑޫސިޓީގެ ހިތަދޫގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ. މި ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭ 22:15 ގައެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭގޮތުގައި، ސ. ހިތަދޫގައި މިރޭ ކުރިއަށްގެންދާ މި ހަވާ އެރުވުމުގެ ހަރަކާތް ދެމިގެންދާނީ ޖުމްލަ ތިން މިނެޓަށެވެ. މިއީ ވިޔަފާރި އުސޫލުން ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ ޕްރައިވެޓް އިވެންޓެއްގެ ތެރެއިން ހަވާ އަރުވައިދިނުމުގެ ހަރަކާތެކެވެ.
ސިފްކޯއަކީ އެމްއެންޑީއެފްގެ ދަށުން ހިންގާ ކޯޕަރޭޓިވްއެކެވެ. އެމްއެންޑީއެފްއިން ވަނީ މީގެ ކުރިންވެސް އަމިއްލަ ފަރާތްތަކުން ބާއްވާ ތަފާތު ޙަފްލާތަކުގައި މާލެއާއި ބައެއް ރަށްރަށުގައިވެސް ހަވާ އަރުވައިދީފައެވެ. ހަމައެހެންމެ، ރާއްޖޭގައި ފާހަގަކުރާ ބައެއް ޚާއްސަ އިޙްތިފާލުތަކާ ދިމާކޮށްވެސް ހަވާ އެރުވުން ކުރިއަށްގެންދެއެވެ

