މާލޭގައި ހަދަމުންދިޔަ އިމާރާތެއްގައި ރޭ ދަންވަރު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ގަލޮޅު ސައިރިކްސް ކޮލެޖު ކައިރީގައި ހުރި ގެއެއްގައެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނި ގޮތުގައި، މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ ރޭ 11:22 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.
ފަޔަރފައިޓަރުން ކުރި މަސައްކަތުން އިމާރާތުގައި ރޯވެފައި ހުރި އަލިފާން ކޮންޓްރޯލް ކުރެވިފައިވަނީ ރޭ 11:56 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

