ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހު ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހަކަމާއެކު ހަމަ އަގުގައި ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، މާލެ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް ގާއިމްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ފަށައިފިއެވެ. މި މަޝްރޫއަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަސައްކަތެކެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވި ސާކިއުލާ އެއްގައި ބަޔާން ކޮށްފައިވާ ގޮތުގައި، މި މާރުކޭޓުގެ މައިގަނޑު މަގްސަދަކީ ރޯދަމަހަށް އަމާޒުކޮށް ދަނޑުވެރިކަމުގެ ބާވަތްތައް އުފައްދާ ފަރާތްތަކަށް އެ ތަކެތި މާލެ ގެނެސް ވިއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމެވެ. މިއީ ހާއްސަކޮށް ރަށްރަށުން މާލެ އަންނަ ދަތުރުވެރިންނަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މާރުކޭޓެކެވެ.
މި މާރުކޭޓުގައި ތަކެތި ވިއްކުމުގެ ފުރުސަތު މިހާރު ވަނީ އަތޮޅުތަކުގެ ދަނޑުވެރި ރަށްރަށަށް ހުޅުވާލައިފައެވެ. އެގޮތުން، މިކަމަށް ޝައުގުވެރިވާ ރަށްރަށުގެ ކައުންސިލްތަކުން އެ ރަށެއްގެ ދަނޑުވެރިންނާ ގުޅިގެން ފޯމު ހުށަހެޅުމަށް ވުޒާރާއިން ވަނީ އެދިފައެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ ޖެނުއަރީ 29 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިއަށެވެ.
މި މާރުކޭޓަށް ތަކެތި ވައްދަން ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 15 ވާ އާދިއްތަ ދުވަހުގެ ހަވީރު 16:00 އިން ފެށިގެންނެވެ. ވުޒާރާއިން ބަޔާންކޮށްފައިވާ ގޮތުގައި، މި މާރުކޭޓުގައި ވިއްކޭނީ ހަމައެކަނި ރާއްޖޭގެ ރަށްރަށުގައި އުފައްދާފައިވާ ރޯ މޭވާއާއި ތަރުކާރީގެ ބާވަތްތަކެވެ. ރިހާކުރާއި، އަސާރަ ފަދަ ތައްޔާރީ ކާބޯތަކެއްޗާއި، އިމްޕޯޓްކޮށްފައިވާ އެއްވެސް ބާވަތެއް ވިއްކުމަކީ މަނާ ކަމެކެވެ.
މާރުކޭޓުގެ އިންތިޒާމުތަކާ ގުޅޭގޮތުން ވުޒާރާއިން އިތުރަށް ވިދާޅުވީ، ގޮޅި ތަކުގައި ތަކެތި ވިއްކުމަށް ބިދޭސީން ބޭތިއްބުމަކީ ކަނޑައެޅިގެން މަނާކަމެއް ކަމަށެވެ. މިއީ ދިވެހި ދަނޑުވެރިންނަށް ސީދާ މަންފާ ހޯދައިދިނުމަށް ކުރެވޭ މަސައްކަތަކަށް ވާތީ، އުސޫލުތަކަށް ފުރިހަމައަށް ބޯލެނބުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން އެ ވުޒާރާގެ ނަންބަރު 3309390 ނުވަތަ 3309394 އަށް ރަސްމީ ގަޑީގައި ގުޅުއްވުމަށް ވަނީ އެދިފައެވެ.

