ވިލިމާލެ، ހުޅުމާލެ ފޭސް 1 އަދި ހުޅުމާލެ ފޭސް 2 ގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްތަކެއް ގާއިމުކުރުމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދު އެވެ. ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުالله ރާފިޢު އެވެ.
މި މަޝްރޫއަކީ ރާއްޖޭގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް، ޒުވާނުންނާއި އާންމު ރައްޔިތުންނަށް ކުޅިވަރު ކުޅެވޭނެ ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މީގެ އިތުރުން، 2026 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
މި މަސައްކަތުގެ ދަށުން ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ކުޅިވަރާއި ހެށިހެޔޮކަމާބެހޭ ވުޒާރާ އާއި އެމްއޭސީއެލްއާ ދެމެދު 18 އޮގަސްޓް 2025 ގައި ވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އައު އެއްބަސްވުމާއެކު މާލެ ސަރަހައްދުގެ ތަރައްގީވަމުން އަންނަ އަވަށްތަކުގައި ކުޅިވަރުގެ ވަސީލަތްތައް އިތުރަށް ފުޅާވެގެންދާނެއެވެ.

