ވޭތުކުރަމުން މިދާ ޝަޢުބާން މަހަކީ ޘަވާބާއި ދަރުމަ ހޯދުމުގެ އިތުރަށް، ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވެ ރޯދަހިފުމަށް ތަމްރީނުވާ މަހެއް ކަމުގައި ހެދުމަށް މިއަދުގެ ހުކުރު ހުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
ހުތުބާގައި ބުނެފައިވަނީ، ޝަޢުބާން މަހަކީ މައްސަރުތަކުގެ ތެރެއިން ޚާއްޞަ މަހެއް ކަމަށާއި، މިއީ ރަމަޟާން މަހަށް މަރުޙަބާ ކިޔުމަށް ތައްޔާރުވާ މަސް ކަމަށެވެ. އުސާމާ ބިން ޒައިދު ރަޟިޔަﷲ ޢަންހުމާގެ ރިވާޔަތަކާ ޙަވާލާދީ ހުތުބާގައި ބުނީ، ކީރިތި ރަސޫލާ ﷺ އެހެން މަސްމަހަށްވުރެ ގިނައިން ޝަޢުބާން މަހު ސުންނަތް ރޯދަ ހިއްޕަވާ ކަމަށެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވަނީ، އެ މަހަކީ ރަޖަބު މަހާއި ރަމަޟާން މަހާ ދެމެދުގައި އަންނަ، މީސްތަކުން އެ މަހަކާ މެދު ޣާފިލުވެފައިވާ މަހެއް ކަމަށާއި، އެއީ ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ޙަޟުރަތަށް ޢަމަލުތައް އުފުއްލެވޭ މަސް ކަމަށެވެ.
މީގެ އިތުރުން، އުންމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ރިވާޔަތަކާ ޙަވާލާދީ ހުތުބާގައި ބުނެފައިވަނީ، މާތް ނަބިއްޔާ ﷺ ޝަޢުބާން މަހަށްވުރެ ގިނައިން ސުންނަތް ރޯދަ ހިއްޕަވާ އެހެން މަހެއް ނުވާ ކަމަށެވެ. އަދި ކުޅަދާނަވީ މިންވަރަކުން ހެޔޮކަންތައް ކުރުމުގައި ދެމިތިބުމަށް ހުތުބާގައި ވަނީ ބާރުއަޅާފައެވެ.
ޝަޢުބާން މަހުގެ 15 ވިލޭރޭގެ މާތްކަމާ ބެހޭގޮތުން ހުތުބާގައި ބުނީ، އެ ރެއަކީ މާތް ﷲ ފާފަފުއްސެވުމާއިގެން އަޅުތަކުންނާ ކުރިމަތިލައްވާނެ ރެއެއް ކަމަށެވެ. ނަމަވެސް އެ ރެއަށް ޚާއްޞަ ވަކި ނަމާދެއް ނުވަތަ ދުޢާއެއް ކުރަންޖެހޭކަމަށް ޞައްޙަ ސަނަދުން އައިސްފައިނުވާކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ކަންކަމަށް އަލިއަޅުވާލަމުން ހުތުބާގައި ބުނެފައިވަނީ:
- ރޯދައާ ބެހޭ ޙުކުމްތައް (ރޯދަ ގެއްލޭ ކަންކަމާއި، ޤަޟާކުރުމާއި، ފިދުޔަދިނުން ފަދަ ކަންކަން) އުނގެނި ދަސްކުރުން.
- ވޭތުވެދިޔަ އަހަރުތަކުގައި ޤަޟާކުރަން ހުރި ރޯދައެއްވާނަމަ، އެ ރޯދަތައް އަވަހަށް ފުރިހަމަކުރުން.
- އިސްރާފުކުރުމާ ދުރުހެލިވެ، ވިޔަފާރިވެރިން ދީލަތިވުމާއި، ޞަދަޤާތްކުރުމަށް ނިޔަތްގަތުން.
- ދުލާއި ގުނަވަންތައް އުރެދުންތަކުން ރައްކާތެރިކުރުން.
ހުތުބާގައި އިތުރަށް ބުނީ، ޝަޢުބާން މަހަކީ މުސްލިމުންގެ ޤިބުލަ މަސްޖިދުލްއަޤްޞާއިން ކަޢުބަތުﷲ ގެފުޅަށް ބަދަލުވި މަސް ކަމަށް ގިނަ ޢިލްމުވެރިން ވިދާޅުވާ ކަމަށެވެ، އަދި ރަމަޟާން މަހަކީ ކީރިތި ޤުރުއާނުގެ މަސް ކަމުގައި ހަދައި، ގިނަގިނައިން ޤުރުއާން ކިޔަވައި، ދީނީ ދަރުސްތައް އަޑުއެހުމަށް ނަސޭހަތްތެރިވެފައިވެއެވެ.
މިއަދުގެ ހުތުބާވެސް ނިންމާލީ މިއުންމަތުގެ ނަބިއްޔާ ﷺ ގެ މައްޗަށް ގިނަގިނައިން ސަލަވާތް ކިޔެވުމަށް ނަސޭހަތްތެރިވުމާއެކު ރަސޫލާގެ މައްޗަށް ސޮލަވާތްކިޔުމުންނެވެ.

