މާލޭގެ ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން މަރާމާތުކޮށް އާބާތުރަފިލުވުމުގެ މަސައްކަތް ނިންމައި، ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އެ ތަންތަން އާންމުންނަށް ހުޅުވާނެކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހާމަކޮށްފިއެވެ. މި ދެ ސަރަޙައްދު މަރާމާތުކުރުމަށްޓަކައި ބަންދުކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ.
ސަލްޓަން ޕާކުގައި ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ޕާކުގެ ވިއު ސްޓްރަކްޗަރ، ޓްރީހައުސް، ވޯކްވޭތައް އަދި ކުޑަކުދިން ކުޅޭ ސަރަޙައްދުތައް މަރާމާތުކުރުން ހިމެނެއެވެ. އާރުޑީސީއިން މަޢުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި މި މަސައްކަތްތަކުގެ ގާތްގަނޑަކަށް 90 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މަސައްކަތް ނިންމުމަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އުޅެނީ ބޭރުން ގެންނަންޖެހޭ ބައެއް ސާމާނު ނުލިބިގެން ކަމަށްވީ ނަމަވެސް، ވަރަށް އަވަހަށް އެ ތަކެތި ލިބި މުޅި މަޝްރޫޢު ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.
ޖުމްހޫރީ މައިދާން މަރާމާތުކުރުމުގެ ގޮތުން ލަކުޑީގެ މަސައްކަތްތަކާއި، ކޮންކްރީޓްގެ އެކި މަސައްކަތްތަކުގެ އިތުރުން ގާޑަން އަދި ސީސީޓީވީ ކެމެރާތައް ރަނގަޅުކުރުމުގެ މަސައްކަތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިހާރު މި މަސައްކަތްތައް ގާތްގަނޑަކަށް ނިމުމަކަށް އައިސްފައިވާއިރު، މައިދާނުގައި އިށީންނާނެ ބެންޗުތައް ހެދުމާއި، ކޮންކްރީޓް ފްލޯ މަރާމާތުކުރުމާއި، ހިނގާ މަގުތައް ނުވަތަ ވޯކްވޭތައް ހެދުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ޖުމްހޫރީ މައިދާން ފެހިކުރުމުގެ ގޮތުން ގަސް އިންދުމާއި ކާޕެޓް ވިނަ ހެއްދުމުގެ މަސައްކަތްތައްވެސް މިހާރު ދަނީ ކުރިއަށެވެ

