ތިނަދޫ ސިޓީގެ އިގްތިސާދު ކުރިއެރުވުމަށްޓަކައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ތިނަދޫއަކީ ވަކި ބްރޭންޑަކަށް ހެދުމަށް ކަމަށް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން އެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު އަޖީބް ވިދާޅުވެއްޖެއެވެ.
އަޖީބްގެ ތަސައްވުރުގެ ތެރޭގައި ތިނަދޫ ކައިރީގައި އޮންނަ ކަފެނާ އަކީ ފަތުރުވެރިކަމަށް ހާއްސަ ތަނެއްގެ ގޮތުގައި ތަރައްގީކުރުން ހިމެނެއެވެ. މިކަން ކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން އިންވެސްޓްމެންޓްތައް ހޯދުމަށް އޭނާ ވަނީ ރާވާފައެވެ. މި މަޝްރޫއުގެ ސަބަބުން ތިނަދޫ ސިޓީއަށް އިގްތިސާދީ ގޮތުން ބޮޑެތި މަންފާތަކެއް ކުރާނެ ކަމަށް އަޖީބް ފާހަގަކުރެއްވިއެވެ.
އަޖީބް ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން އެތަނުގައި މަސައްކަތްކުރާ މުވައްޒަފުން ތިނަދޫގައި ދިރިއުޅުމާއި، އެ މަޝްރޫއަށް ބޭނުންވާ ވިޔަފާރީގެ މުއާމަލާތްތައް ތިނަދޫގެ ތެރެއިން ހިނގާނެ މަގު ފަހިވެގެންދާނެއެވެ. މީގެ އިތުރުން، އެ ސަރަހައްދުގެ ކަނޑުފަޅުގެ މުއްސަނދިކަމާއި، ރީތި މަސްތަކާއި، ރާޅާ އެޅުމަށް ހުރި ފުރުސަތުތަކުގެ ބޭނުން ހިފައި، މި ވަސީލަތްތައް އިގްތިސާދީ މަންފާއަށް ބަދަލުކުރުމަކީ އަޖީބްގެ މުހިންމު އަމާޒެކެވެ.
އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއެކޭ އެއްފަދައިން ތިނަދޫ ސަރަހައްދަށް ވެސް މިޔަރު ބަލަން ޓޫރިސްޓުން ގެނެވޭނެ ގޮތްތަކެއް ހޯދައި، އެކަމަކީ ރަށުގެ ބްރޭންޑަކަށް ހެދުމުގެ މުހިންމުކަން އަޖީބު ފާހަގަކުރެއްވިއެވެ. މިއީ ސިޓީގެ އިގްތިސާދު ސިންދަފާތުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް އަޖީބް ގަބޫލުކުރައްވައެވެ.
މަސްވެރިކަމުގެ ދާއިރާއިން ވާހަކަދައްކަވަމުން އަޖީބު ވިދާޅުވީ، ބާނާ މަސް ކިރުވުމަށް ދިމާވާ ދަތިތަކަށް ހައްލެއްގެ ގޮތުން ރަށުގައި މަސް ބޭނުންކޮށްގެން އުފެއްދުންތައް ތައްޔާރުކޮށް، ވެލިއު އެޑް ކުރަންޖެހޭ ކަމަށެވެ. އަޖީބު ވިދާޅުވީ ދިއްގަރު ރިހާކުރު ފަދަ މަޝްހޫރު އުފެއްދުންތައް ތިނަދޫގައި ވެސް ތައްޔާރުކުރެވޭނެ ކަމަށެވެ.
“އަޅުގަނޑުމެން އަމިއްލައަށް ރަށުގައި ވަޒީފާ އުފެއްދޭނެ، އަޅުގަނޑުމެން ނުޖެހޭނެ ސަރުކާރުގެ ވަޒީފާތަކަށް ބަރޯސާވާން، އަމިއްލަ ވަސީލަތްތައް… ކީއްވެތޯ ދިއްގަރު ރިހާކުރު ހެދެންވީ، ހަމައެކަނި އެރަށް އެކަނިތޯ އޮތީ، އަޅުގަނޑުމެންގެ ރަށުގައި ވެސް ރިހާކުރު ތައްޔާރު ކުރެވޭނެ، އަޅުގަނޑުމެންގެ ރަށުގެ މީހުން ވެސް ރިހާކުރު ހަދާފައި އެބަ ހުރި، ވަޅޯމަސް އަޅުގަނޑުމެންނަށް ތައްޔާރު ނުވާންވީ ކީއްވެގެންތޯ، އަޅުގަނޑުމެންނަށް އެކި ވައްތަރުގެ ވަޅޯމަސް ވެސް ހެދޭނެ. އަޅުގަނޑުމެން ޖެހޭނީ މިކަމަށް ދިރާސާތައްކޮށް، ރަނގަޅު ވިސްނުމަކާއެކު މި ކައުންސިލަށް އައިސް މި މަސައްކަތް އަޅުގަނޑުމެންގެ ތެރޭގައި ގާއިމްކޮށްގެން،،” އަޖީބު
މީގެ އިތުރުން، ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދާ ފަދަ ބާޒާރެއް ތިނަދޫގައި ގާއިމްކޮށް، އަތޮޅުގެ ރައްޔިތުންނަށް މުދާ ވިއްކޭނެ މަގު ފަހިކޮށްދިނުމަށް އަޖީބު ހުށަހެޅުއްވިއެވެ. މި ހުރިހާ ކަމެއްގެ ބޭނުމަކީ ތިނަދޫ ސިޓީއަކީ ވިޔަފާރީގެ މައި ހަބަކަށް ހަދައި، އެންމެންނަށް ފުރުސަތުތައް ހުޅުވިފައިވާ، މީހުން ގަޔާވާ ފަދަ ތަނަކަށް ހެދުން ކަމަށް އަޖީބް ވިދާޅުވިއެވެ.

